ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަކީ ވެދާނެ ކަމެއް ކަމަށް އެޕާޓީގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމައިއެކު ބޭއްވެވި ބައްދަލުވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެެއްވަމުންނެވެެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މައުމޫން ފައުންޑޭޝަންގެ އޮފީސް ހިންގާ ހ.ފުލިދޫގައެވެ.

އެ ބައްދަލުވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ތިރީސް އަަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ ހުރިހާ ކަަމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި އެމްއާރުއެމުން ޕީޕީއެމްއާއެކު ވެސް ކޯލިޝަން ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެފަދަ ހާލަތެއް އަތުވެއްޖެނަމަ އެ ޕާޓީއާއެކު ވެސް ކޯލިޝަން ހަދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ އެއްބަފާ ބޭބޭފުޅު މައުމޫން ވިދާޅުވީ ކޮންމެ ކަމެއް ނިންމާނީ އެކަމެއްގެ ވަގުތު ޖެހުމުން ކައުންސިލްގައި މަޝްވަރާކުރެެއްވުމަށްފަހު ކަމަށެވެެ.

"އަޅުގަނޑުމެން މި މަޝްވަރާކުރަނީ ކުރިއަށް އޮތްތާގައި ކަންތައްތައް ގެންދާނީ ކިހިނެއްތޯ ބަލަން. މަޝްވަރާކޮށްފައި ގިނަ ބޭފުޅުންނަށް ގިނަ މެމްބަރުންނަށް ކައުންސިލްގައި ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމާނީ، ހުރިހާ ކަމަކީ ވެސް ވެދާނެ ކަމެއް ދެއްތޮ؟ އަޅުގަނޑަކަށް މިހާރަކު ދަންނަވާކަން ނޭނގޭ ކޮންމެ ކަމެއް ވެސް އެކަމެއްގެ ވަގުތުގައި އެކަމާބެހޭ މަޝްވަރާތަކެއް ކޮށްފައި ގޮތެއް ނިންމާނީ. ކުރިއަކުން ބުނާކަން ނޭނގޭނެ،" ޕީޕިއެމާއިއެކު ކޯލިޝަން ހެދުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މައުމޫން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ރައީސް މައުމޫން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލު ކުރަށްވާފަައިވާއިރު މައުމޫން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ވަކި ގޮތެއް އެމްއާރުއެމްގެ ކައުންސިލުން އަދި ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު