ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރިއަށްގެންދާ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފިއެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ރައީސް ސާލިހު ވަނީ އެމްއާރުއެމްގެ އިތުރުން ޖޭޕީ، އަދާލަތު އަދި އެމްޑީއޭއަށްވެސް ދައުވަތު ދެއްވާފައެވެ. އެ ދައުވަތު މިހާތަނަށް ގަބޫލުކުރީ އަދާލަތާއި އެމްޑީއޭއިން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ނިންމީ ވަކިން ކެންޑިޑޭޓެއް ނެރުމަށެވެ. އެމްއާރުއެމުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްއާރުއެމްގެ އިސް ބޭފުޅުންނާއެކު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދުވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެމްއާރުއެމާއެކު ރައީސް މަޝްވަރާ ކުރެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުންކަމަށެވެ. އަދި އެ ބައްދަލުވުން ދިޔައީ ރަނގަޅަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ބައްދަލުވުމުގައި ގޮތެއް ނުނިންމާ ކަމަށާއި، އެހެންކަމުން އެކަމާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރާނެކަމަށް ސަރުކާރުން ބުނެއެވެ.

ރިޔާސި އިންތިހާބު އޮންނަނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހެވެ.

އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިޔަސް މިހާތަނަށް ކެނޑިޑޭޓެއް ކަނޑައަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު