ރިޔާސީ އިންތިޚާބު މިނިވަންކަމާއެކު ކުރިއަށްގެންދަން އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލަފައިވާ ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބަށް އެކުލަވާލަފައިވާ ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލާފައިވަނީ މިނިވަން 10 މުއައްސަސާއަކާއި، ސިޔާސީ 8 ޕާޓީއެއްގެ އިތުރުން 3 ޖަމްއިއްޔާއަކާއި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންވެސް ހިމަނައިގެންނެވެ.

ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއިއެކު ގެންދިއުމަށް ޤައުމީ ލަފާދޭ ކޮމެޓީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޮމިޝަނުން މަސައްކަތް ކުރާނީ ރައްޔިތުންގެ ނިންމުން، ރައްޔިތުން ނިންމާ ގޮތަކަށް ގެނެސްދޭން ކަމަށާއި އިންތިޚާބުގައި ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ނުހުންނާނެކަމަށެވެ.

ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނީ މިނިވަންކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް." ފުއާދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާއި، އުޞޫލު އެކުލަވާލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައެވެ.

ޤައުމީ ލަފާދޭ ކޮމެޓީއަކީ އިލެކްޝަންސް ކޮމިޝަނަކީ 2008 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިޚާބުތަކަށް އަމާޒުކޮށްގެން އެކުލަވާލާ ޚާއްސަ ކޮމިޝަނެކެވެ.



ކިޔުންތެރިންގެ ހިޔާލު