މިދިޔަމަހު ތައާރަފްކުރި ސިމްސް ޕޯޓަލުން މިހާތަނަށް 1374 ލައިސަންސް ދޫކޮށްފައިވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.



އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލަށް ތައާރުފުކުރި "ސިމްސް" ޕޯޓަލް އަކީ ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށް ފައިވާ ޕޯޓަލެކެވެ.

ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށްވެސް ދުނިޔޭގެ ކޮންމެ ތާކު ތިބެގެންވެސް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާހަކީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފާހަގަކޮށްފައިވާ ގޮތުން އަލަށް ތާއާރަފު ކުރި ސިމްސް ޕޯޓަލް 05 ފެބްރުވަރީ 2023 ގައި ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1374 ލައިސަންސް ވަނީ ދޫކޮށްފައެވެ. އެގޮތުން 18 މާރިޗް 2023 ގެ ނިޔަލަށް އަމަލީ އިމްތިހާން (ޑްރައިވިންގ) އާއި ގަވާޢިދު އިމްތިހާނު (ތިއަރީ) ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ވަނީ ޚިދުމަތް ފޯރުކޮށްދެވިފައި ކަމަށާއި އަދި 18 މާރިޗު 2023 އާއި ހަމައަށް ލައިސަންސް ހަދައި ދިނުމުގެ މަރުހަލާގައި ޚިދުމަތް ދެމުންދަނީ 54 ލައިސަންސްއަކަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަންއާއެކު ހުށަހަޅުއްވާންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި އަދި ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ އަމިއްލަ އީފާހުން ޚިދުމަތަށް ފަސޭހަކަމާއެކު އެދެވި އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބެލޭގޮތަށް ވުމާއި ހުށަހަޅާ އެޕްލިކޭޝަނަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭ ގޮތަށް ސިމްސް ޕޯޓަލްގައި ކަންކަންވަނީ ތަރުތީބުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު