އަހުމަދު މަސްނޫމް   19 މާރިޗު 2023 - 12:44
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ޤާއިމުކުރި ކިޑްސް ކެއަރ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.

ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން މިއަދު ހުޅުވި އެމްޕީއެލް ކިޑްސް ކެއަރ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއަރ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު މިތަނަކީ 30އާއި 40އާއި ދެމެދުގެ ޢަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ.

މިތަނުގެ ޚިދުމަތް އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާއިރު މިތަން ހުޅުވިފައި ހުންނަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 7:00 އަށެވެ.

އެމް.ޕީ.އެލް.ގެ ކިޑްސް ކެއަރ ސެންޓަރު، މިއަދު ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތަށާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ވެސް ފަހިކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު