ފުލުހުން ބޭނުންކުރަން ފަށާފައިވާ ޓޭޒާ ގަން އަކީ ކުށްވެރިންނަށް ހަމަލާދޭ ހަތިޔާރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ބޯޑުން އިންތިޒާމްކޮށްގެން މިއަހަރު ފެށި ޕޮލިސް ރިސާޗް ކޮންފަރެންސް ފެށުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެެއްވައި ވާހަަކަފުޅު ދައްކަވަމުންނެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ފެށި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރު ކުރަމުން ގެންެދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރީ ސަފުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރުމަކީ އެކަމުގެ ހެއު ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުށްވެރިން ކުށްކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި އުކުޅުތައް ވެސް ދަނީ ބަދަލުވަމުން ކަމަށެވެ. އަދި ކުށްވެރިން ކުށްތަކަށް އަރައިގަތުމަށް ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ދަނީ ބަދަލުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާއިރު ވެސް ފުލުހުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ފުލުހުންނަށް ކަށަވަރު ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޓޭޒާ ގަން ފުލުހުން ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު އެކުށްވެރިޔާގެ ވެސް އަދި ފުލުސްމީހާގެ ވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެެއް، ފަހަރެެެއްގައި ވެސް އެއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން." ރައީސް ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނީ ޓޭޒާ ގަން މީހެއްގެ ގަޔަށް ޖެހުމުން ކަރަންޓު ޝޮކެއް ފޮނުވައިލައި ފަސް ސިކުންތަށް އެ މީހަކު ޕެރެލައިޒްކޮށްލާނެ ކަމަށެވެ. ނަމަވެސް އޭގެ ބުލެޓް އެ މީހެއްގެ ގައިން ނުނައްޓައި އަލުން ގަން ޓްރިގާކޮށްފިނަމަ އިތުރު ފަސް ސިކުންތު އިތުރުވެއެވެ. މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ އެއްވެސް އަނިޔާއެއް ނުލިބޭނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފެށުމާއެކު ބައެއް ޖަމިއްޔާތަކުން ވަނީ އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން