އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ހިމެނޭ، ހަންކެޑެ ބްރިޖު މަރަދުއާ ގުޅާލާ ސަރަހައްދަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހެނދުނު ފަށާފައިވާއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން ހަންކެޑެ ސަރަހައްދުގައި ގާއިމުކުރާ ބްރިޖް މަރަދުއާ ގުޅާލެވޭ ސަރަހައްދަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ނިމިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ލަފާކުރާ ގޮތުގައި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެއެވެ. ހަމައެއާއެކު އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ ހާހެއްހާ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފެށީ އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން