ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއު އާއެކު ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެންދާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ދިވަރު" ނަން ދެވިފައިވާ މި ކަނޑުއަޑީގެ ކޭބަލް ސިސްޓަމުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅައިލަން ވަނީ ނިންމާފައެވެ.

އެކަމާގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވީ، ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރުމަށް ހިންގާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީގެ މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެންދާނެ ކަމަށެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ގޫގުލް އިން މި މަޝްރޫޢު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ހުށަހެޅި ކަމަށާއި، ނަމަވެސް އެދުވަސްވަރު އެކަމަށް އެއްބަސް ނުވީ ރާއްޖެއަކީ ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތަށް މި މަޝްރޫޢުން ހުރަސް އެޅޭތީ ކަމަށެވެ.

"މިހާރު ހަމަ އެ މަޝްރޫއު ކުރިއަށް މިގެންދަނީ ތަފުސީލެއް ހާމަކުރުމެއްނެތި. މި މަޝްރޫއުއަކީ ރާއްޖެއަށް މި ދާއިރާއިން ލިބެން އޮތް ވާދަވެރި ފައިދާ އާއި މުސްތަގުބަލުގައި ރާއްޖެއަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ސިނާއަތަށް އޮތް ރިސްކެއް،" ކުރީގެ އިކޮންމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ބޭރުގެ ބަޔަކަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލި، ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަށް ހުޅުވުނު ދޮރެއް ބަންދުވެގެން ގޮސްފައިވާ ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. ފައްޔާޒު ވިދާޅުވީ މި މަޝްރޫޢުގެ ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

"މި މަޝްރޫއުގެ ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ. އެއްބަސްވީ ކޮން ކަމަކަށް ކަން. ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ކޮން ބަޔަކަށް ކަން. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އިންވެސްޓުކޮށްގެން ރާއްޖެއަށް ގެނައި ސަބްމެރިން ކޭބަލްއަކީ ފްރާންސުގެ މާސޭއިން ފެށިގެން ސިންގަޕޫރާ ހަމައަށް ދެމިގެންދާ 'އައިއޭއެކްސް-އައިއީއެކްސް' ކޭބަލްގެ ގޮަތްޕެއް ކަން ފާހަގަކުރެވެއެވެެ. މިއީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުނިން އަޅާ އެންމެ ޒަމާނީ ފެންވަރުގެ ކަނޑައުޑިން ދަތުރުކުރާ ކޭބަލުގެ ގޮތްޕަކަށްވާއިރު އެ ކޭބަލް އިން ރާއްޖެއަށް އެއްގަންކުރި ބަޔަށް ކިޔަނީ 'އައިއޭއެކްސް-އޯސީއެމް' އެވެ.

ފައްޔާޒު ވިދާޅުވީ މިދިޔަ ސަރުކާރުގެ އަމާޒު ހުރީ އެ ކޭބަލް ބޭނުންކޮށްގެން އައިސީޓީ އެކްސްޕޯޓް އިންޑަސްޓްރީއެއް ބިނާކޮށް، އެއީ ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓު ހިއްސާވާ ވަރުގެ ސިނާއަތަކަށް ހެދުމަށް ކަމަށެވެ. އަދި ރާއްޖެއަކީ އެފްރިކާ، މެދުއިރުމައްޗާއި އޭޝިއާ އަދި އޮސްޓްރޭލިއާއާ ގުޅުވާލަދޭ ހަބަކަށް ހެދުމަށް ވެސް އޭރު އަމާޒު ހިފި ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު