މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، ރުޅިވެރިކަމާއި ނަފްރަތު ނައްތާލުމަށް ކުރާ މަސައްކަތް އިތުރުކުރަންޖެހޭކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ މޮރިޓޭނިއާގެ ނޫއާކްޗޮޓްގައި ކުރިއަށްދާ އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 49 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 49 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވަނީ އިސްލާމީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.



ޝާހިދުގެ ވާހަކަފުޅުގައި މުސްލިމުންނާއިމެދު ނަފްރަތު އުފެއްދުމާއި މުސްލިމުންނާއި ދެކޮޅަށް ހިންގާ އެކި ޖަރީމާތަކާއި، އަދި އެހެނިހެން މައްސަލަތަކާއެކު މުސްލިމުން އުޅެމުންދަނީ އުނދަގޫ ހަލާތްތަކެއްގައިކަން ފާހަގަކުރެއްވިއެެވެ.



ޝާހިދު ވިދާޅުވީ މުސްލިމުންނާމެދު ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް އަމަލުތަކެއް ހިންގާކަމަށެވެ. ނަމަވެސް މުސްލިމުންނާއި ދެކޮޅަށް ހިންގާ ކަންތައްތަކުގެ ސަބަބުން އިސްލާމީ އުންމަތް ވާނީ އިތުރަށް ވަރުގަދަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ފަލަސްޠީނުގެ މުސްލިމުންނަށް ލިބިދޭ ޙައްޤު ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަމަށް ވިދާޅުވާ، ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުންވެސް މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރޮހިންޔާ މުސްލިމުންގެ އުޅެމުންދާ ދަތި ހާލުވެސް ފާހަގަކުރެއްވިއެެވެ. އަދި ރޮހިންޔާ މުސްލިމުންނަށް ކަރާމާތްތެރި ދިރިއުޅުމެއް ހޯދައިދޭން މުސްލިމު ޤައުމުތަކަށް ޝާހިދު ގޮވާލެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ދާދިފަހުން ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ނިޔާވި އަޚުންނާއި އުޚުތުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ބިން ހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން އަވަސްކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު