މި ވެރިކަން މިހާހިސާބަށް މިއައީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ މި ސަރުކާރު ދެމެހެއްޓުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އެއްބަޔަކީ ޖުމްހޫރީ ޕާޓީކަމަށް ވިދާޅުވެ ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ މި ވެރިކަން މިހާހިސާބަށް މިއައީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމުންކަމަށެވެ.

ޝަރީފް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުން އެއްވެސް އިރެއްގައި ސަރުކާރަށް އެއްބާރުލުން ނުދެއްވާކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރަށް އެއްބާރުލުން ދިން މިންވަރު މަޖިލީހުގެ ޔައުމިއްޔާއިން ފެންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ސަރުކާރު ދަމަހައްޓަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރިކަމަށް ބުންޏަސް އެއީ މާބޮޑު ހަގީގަތެއް ނޫންކަމަށެވެ. ޝަރީފް ވިދާޅުވީ ސަރުކާރު ދަމަހައްޓަން އެންމެ ބޮޑު މަސައްކަތެއް ކުރީ ރައީސް ސާލިހަށް ވަފާތެރި އެމްޑީޕީ މެމްބަރުންކަމަށެވެ. އިތުރު ޕާޓީއަކުން އެ މަސައްކަތް ކޮށްފައިނުވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތައް ބޮޑަށް އަމާޒު ކުރަށްވާފައި ވަނީ މަޖިލީހުގައި ހިނގަމުންދާ ކަންކަމަށް ކަމަށްވާއިރު މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ނިންމުންތަކަށް ފާޑުވިދާޅުވާ ޖޭޕީއަށް ނިސްބަތްވާ ހަމައެކަނި މެންބަރަކީ އަލީ ހުސައިންކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މަޖިލިސްތެރޭގައި އެމްޑީޕީގެ ދެ ފެކްޝަނެެއް އުފެދުނު ހިސާބުން ސަރުކާރަށް ފާޅުގައި ފާޑުކިޔައި ސަރުކާރަށް ދަތިވާގޮތަށް މަސައްކަތްކުރާ ގިނަ މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަ ކުރެވެއެވެ.

ޝަރީފު މިމޭރުމުން ވިދާޅުވެފައި ވީނަމަވެސް ރައީސް ޞާލިހުގެ ޕްރައިމަރީ ކެމްޕޭންގައިވެސް ޖޭޕީއަށް ނިސްބަތްވާ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި ޖޭޕީގެ މެންބަރުން ރައީސް ޞާލިހާއި ސަރުކާރު ޕްރަމޯޓް ކުރުމަށާ ފާޅުގައި ވާހަކަ ދައްކަވައި މަސައްކަތް ކުރަށްވާފައިވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެންގެއިތުރުން އެމް ޑަބްލިއޫ އެސް ސީގެ އެމްޑީ ޝާހާއި ތަރުޖަމާން އަލީ ސާލިހުފަދަ ބޭބޭފުޅުންނަކީ ސަރުކާރު ޕްރަމޯޓްކޮށް ރައީސް ދިފާއު ކުރަށްވަމުން ގެންދެވި ފާހަގަކޮށްލެވޭ ޖޭޕީގެ މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު