އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ރިޔާސީ ދެވަނަ ދައުރެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ދަރިފުޅުނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ރިޔާސީ އިންތިހާބަަށް އަސަރުކޮށްފާނެތޯ ސުވާލުކުރަމުންނެވެ.

ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރުން އިންޑިއާއާއެކު ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިނަމަވެސް އެއީ ހަގީގަތާަައި ހިލާފު ވާހަކަތަކެއްކަމަށެވެ.

މިއުވާން ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮންނަކަމަށާއި އަދި އިންޑިއާއިން ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވަމުން ދާކަަމަށެވެ.

މިއުވާން ވިދާޅުވީ އިންޑިއާައާއެކު އޮންނަ ގުޅުމުގެ ސަބަބުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކަށް ހުރަހަކަށްވަނީ އެކަމާއި ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަކީ ތެދުކަމަށް ވާނަމައެވެ. ނަމަވެސް އެ ވާހަކަތަަކަކީ ސިޔާސީ ބޭނުމުގައި ދައްކާ ދޮގު ވާހަކަތައް ކަމަށާއި އެ ތުހުމަތުތަކަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމާމެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ދައްކާ ދޮގު ވާހަކަތަކެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އިންޑިއާއާއެކު ގާއިމްކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރާ މައްސަލައިގައި މިއުވާން ވިދާޅުވީ ދޭދޭ ގައުމުތަކުގެ މެދުގައިވާ އެއްބަސްވުންތަކަކީ ސިއްރު އެއްބަސްވުންތަކެއް ކަަމަށާއި، ކުރީގެ ސަރުކާރުތަކުންވެސް އެކިއެކި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސިއްރު ހިފަހައްޓާފައިވާކަމަށެވެ.

އެެހެންނަމަވެސް ގައުމަށް ގެއްލުންވާފަދަ އެއްވެސް އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ނުކުރާނެކަމުގެ ޔަގީންކަން މިއުވާން ވަނި ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު