އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މުވައްޒަފު ވަނީ ވަޒީފާއިން ވަކިކޮށްފައިކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ މީޑިއާގެ އެކި މަންސަތަކުގައި އެޗްޑީސީގެ ތިޖޫރިން މުވައްޒަފަކު ވައްކަންކުރިކަމަށް ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެނެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ ‏އެ މުވައްޒަފުގެ އިއުތިރާފުވުމާއިއެކު މިހާރު ވަނީ ވަޒީފާއިން ވަކިކުރެވިފައިކަމަށެވެ. އަދި މި އަމަލު ހިންގިކަން ފާހަގަކުރެވުނީ އެ ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަންޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުންކަމަށްވެސް އެޗްޑީސީން ބުނެއެވެ.



އެޗްޑީސީން ބުނީ ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް އެ މުވައްޒަފުގެ އަމަލު ވަނީ ރެކޯރޑްކުރެވިފައިކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯރޕަރޭޝަންގެ ތިޖޫރީން ފައިސާ ވަގަށް ނަގާފައެއް ނުވާކަމަށެވެ. އެޗްޑީސީން ބުނީ ‏އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އެ ކޯރޕަރޭޝަންގެ މުވައްޒަފަކަށް ލިބިފައި ނުވާކަމަށެވެ. އަދި އެ ކޯރޕަރޭޝަންގައި ޤާއިމް ކުރެވިފައިވާ އިންޓަރނަލް ކޮންޓްރޯލް އަދި އިންޓަރނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ‏ އެ މައްސަލަވެސް އެކުންފުނީގެ ސަމާލުކަމަށް އައިސްފައި ވަނީ އެ ކޮންޓްރޯލްތައް ޤާއިމްކުރެވިފައިވާތީކަމަށެވެ.

‏މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން އެ ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު