ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ތަކުރާރުކޮށް ދަނީ އަނިޔާކުރިމަތިވަމުންކަމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭއިން ބުނެފިއެވެ.

މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭއިން މިހެން ބުނެފައި މިވަނީ އިިދިކޮޅު ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިއަކު ހައްޔަރުކުރި މައްސަލައާއި ގުޅިގެން ނެވެ.

ރޭގެ މުޒާހަރާ ކަވަރުކުރަމުންދިޔަ ރާއްޖޭގެ އޮންލައިން ނޫހެއްގެ ނޫސްވެރިއެއް ފުލުހުން ހައްޔަރުކުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސްވެސް އަޅައިގެން ހުއްޓައެވެ.

އެމްޖޭއޭއިން ކުރި ޓްވީޓެއްގައި ވަނީ ނޫސްވެރިޔާ ހައްޔަރުކުރުން ކުށްވެރިކޮށްފައެވެ.



އެމްޖޭއޭއިން ބުނީ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އަނިޔާ އާއި ފުރައްސާރަ ކުރިމަތިވަމުންދާކަމަށެވެ. އަދި މިއީ އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

އެމްޖޭއޭއިން ވަނީ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލާފާއެވެ.

އެމްޖޭއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ނޫސްވެރިނަށް ކުރިމަތިވި މިފަދަ 8 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށްވެސް އެމްޖޭއޭއިން ބުނެއެވެ.

ރޭގެ މުޒާހަރާ އިންވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައިވާއިރު އޭނާ ހައްޔަރުކުރި ސަބަބު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު