ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުން އޭޕްރީލް 16 ވަނަ ދުވަހުގެ މެންދުރު 2:00 ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެއްސަކަށްވުމާއި ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށްވުން ހިމެނެއެވެ. އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުންނަން ޖެހޭއިރު ފިރިހެނެއް ނަމަ 5 ފޫޓު 5 އިންޗި ހުންނަން ޖެހޭނެއެވެ.

މީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއިރު ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް އޮތް މީހަކު ކަމުގައިވެސް އެމީހަކު ވެގެން ނުވާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެކަމަށްވެސް އިއުލާންގައިވެއެވެ.

ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި އެމް.އެން.ޑީ.އެފް ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިފޯމް އޮންލައިންކޮށް ހުށަހެޅޭނެކަމަށްވެސް ޑިފެންސުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު