އަހުމަދު ޔާމިން   17 މާރިޗު 2023 - 14:7
އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ޤާނޫނުން ޙާސިލްކުރަން ބޭނުންވާ ކަމަކީ ޢަދުލު އިންސާފެވެ. އެހެންކަމުން ކޮންމެ ފެންވަރެއްގެ ކޮންމެ ތަނެއްގައިވެސް ޢަދުލު އިންސާފު ޤާއިމުކުރެވެން ޖެހޭނެއެވެ. ޤާނޫނުގައި ބުނާ ކަންތައްތައް ތަންފީޛުނުވެ އޭގެ މަންފާ މުޖްތަމަޢުގެ އަފްރާދުންނަށް ލިބިނުދެވޭ ކަމުގައި ވަނީނަމަ ނުވަތަ އެ ޤާނޫނަކުން އިންސާފު (ޖަސްޓިސް) ހޯދައިނުދެވޭ ކަމުގައި ވަނީނަމަ އެޤާނޫނަކީ ބޭއިންސާފު ޤާނޫނެކެވެ.

ޤާނޫނެއްގެ އަނެއް ބޭނުމަކީ ވަކިތަރުތީބަކުން ވަކި ހަމަތަކަކާއި، އިންތިޒާމްތަކެއްގެ ތެރެއިން އެމުޖުތަމަޢުގައި ދިރިއުޅެމުންދާ މީހުންގެ މަސްލަހަތުތައް ހިމާޔަތްކޮށްދީ، އެތަނެއްގައި ޢަދުލު އިންސާފު ޤާއިމް ކުރުމާއި، އެތަނެއްގައި ބަޔަކު ޢަމަލުކުރާނެ ވަކި އުޞޫލުތަކަކާ ހަމަތަކެއް އެކަށައެޅުމެވެ. މިސާލަކަށް ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ އެކަމަށް ހަމަޖެހިފައިވާ އިޖްރާޢަތްތައް ފުރިހަމަކޮށް ވަކި ތަރުތީބެއްގެ ދަށުންނެވެ. ޤާނޫނީ ޢިލްމުން މި ކަމަށް އިންތިޒާމް ނުވަތަ އޯޑަރ ކިޔައެވެ. ބައެއްގެ ތެރޭގައި އޯޑަރ ނެތްނަމަ މީސްތަކުންގެ ހިތްހަމަނުޖެހުން އިތުރުވާނެއެވެ. އަދި ސުލްޙަ މަސަލަސްކަމަށް ހުރަސްއެޅި، ޢަދާވާތްތެރިކަމާއި ނަފްރަތްތެރިކަމަށް މަގު ހުޅުވިގެންދެއެވެ.

ޤާނޫނުގެ ބޭނުންކޮށްގެން ޙާސިލްކުރަން ބޭނުންވާ އިތުރު ކަމަކީ ސުލްޙަ މަސަލަސްކަން (ޕީސް) ޤާއިމްކުރުމެވެ. މިގޮތުން މުޖްތަމަޢެއްގެ ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދީނުގައި އަންގަވާފައިވާ ކަންތައްތަކަށް (ރިލީޖަސް ބިލީވް) އަށް ސަމާލުކަން ދޭންޖެހެއެވެ. އެބައެއްގެ އަޚްލާޤީ ރިވެތި އާދަތައް (މޯރަލް ވެލިއުސް) ހިފަހައްޓާން ޖެހެއެވެ. އަދި ކުށްވެރިންނަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުދިނުމަކީ މުޖްތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. އެހެންކަމުން ޤާނޫނަކީ މުޖްތަމަޢެއްގައި ސުލްޙަ މަސަލަސްކަމާއި ޢަދުލު އިންސާފު ޤާއިމްކުރުމަށް އޮތް ވަޞީލަތެކެވެ. ޤާނޫނުގެ ބޭނުން ހެޔޮގޮތުގައި ރަނގަޅަށް ހިފައިގެން މުޖްތަމަޢުގައި ސުލްޙަ ޤާއިމްކުރެވެއެވެ.

ޤާނޫނު ތަފާތު އެކި ބައިތަކަށް ކެޓަގަރައިޒް ކުރެވިފައިވެއެވެ. މީގެ ބޭނުމަކީ ވަކިބާވަތެއްގެ ޤާނޫނު ދެނެގަތުމަށް ފަސޭހަކޮށްދިނުމާއި، މައްސަލަ ހުށައަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށްވެސް ކަމާއި ގުޅުންހުރި ޤާނޫނުތައް ހޯދުމަށް ފަސޭހަކޮށްދިނުމެވެ. މިގޮތުން އިންޓަރނޭޝަނަލް ލޯ އާއި، ޑޮމެސްޓިކް ލޯ އަކީ މީގެ ބައިތަކެވެ. ދާޚިލީ ޤާނޫނުތަކުގެ ސިޔާސަތު ކޮންމެ ޤައުމެއްގައިވެސް ބާރުގަދަވާނެއެވެ. ޤާނޫނުތައް ހެދުމާއި، ނިޔާކަނޑައެޅުމާއި، ތަންފީޛު ކުރުމަކީ ދާޚިލީ ޤާނޫންގެ ދަށުން ހިންގޭ ކަންތައްތަކެވެ. މިކަމަށް ޚާއްސަކުރެވިފައިވާ މުއައްސަސާތައް ޤައުމުތަކުގައި ޤާއިމުކޮށްފައި ހުރެއެވެ. އޭގެތެރޭގައި ޤާނޫނުހަދާ މަޖިލީހާއި، ޖުޑިޝަރީ އާއި، ސަރުކާރު ހިމެނެއެވެ. އިންޓަރނޭޝަނަލް ލޯ ގައި ދަޢުލަތްތަކުގެ މައްޗަށް ކަންކަން ތަންފީޒު ކުރުމައި ހުރަސްތަކެއް ހުރެއެވެ. މި ބައިގައި ބޮޑަށް ހިމެނެނީ ބައިނަލް އަޤްވާމީ އެކިއެކި ކޮންވެންޝަން ތަކުގައި ބައިވެރިވުމާއި، އެކަންކަމާއި ގުޅިގެން ޢަމަލުކުރަންޖެހޭ ކަންތައްތަކެވެ.

ޤާނޫނުގެ ކްލެސިފިކޭޝަންގެ ގޮތުގައި މައިގަނޑު 6 ވައްތަރެއްގެ ޤާނޫނު ހިމެނޭކަމަށް ޤާނޫނީ ޢިލްމުވެރިންގެ ލިޔުއްވުންތަކުން ފާހަގަކުރެވެއެވެ. މިގޮތުން މީހުންނަށް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތައް ބަޔާންކުރުމުގެ އިތުރުން، ލިބިދޭ ޙައްޤުތަކާއި، ޒިންމާތަކާއި، ވާޖިބުތައް ބަޔާންކޮށްފައިހުންނަ ޤާނޫނުތަކަށް މައުޟޫއީ ޤާނޫން ނުވަތަ ސަބްސްޓެންޓިވް ލޯ ކިޔައެވެ. ކޯޓުތަކަށް މައްސަލަ ހުށައެޅުމާއި، އެމައްސަލަތައް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ ގޮތްތަކާއި، މައްސަލައެއް ނިންމުމާއި ހަމައަށް ކޯޓުތަކުން ޢަމަލުކުރާނޭގޮތް އެކަމެއް ފެށުނީއްސުރެ ނިޔަލަށް ލިޔެވި ބަޔާންކުރާ ޤާނޫނަށް ކިޔަނީ އިޖުރާޢީ ޤާނޫނު ނުވަތަ ޕްރޮސީޖަރަލް ލޯ އެވެ. މިބާވަތުގެ ޤާނޫނުގެ ތެރޭގައި މަދަނީ އިޖުރާއާތުތަކާއި، ޖިނާއީ އިޖުރާއާތު ހިމެނެއެވެ.

މީގެ އިތުރުން މަދަނީ ޤާނޫނަކީ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކޮށްދިނުމުގެ މައްޗަށް އެކުލަވާލާފައިވާ ޤާނޫނެވެ. މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ކޯޓުތަކުން ލިބިދޭ ފަރުވާއަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމެވެ. އެއާ ޚިލާފަށް ޖިނާއީ ޤާނޫނަކީ މުޖްތަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް އެކުލަވާލެވޭ ޤާނޫނެވެ. ޖިނާއީ ޤާނޫނުގައި މައިގަނޑު ދެބައި ހިމެނެއެވެ. އެއީ އަމުރާއި، މަނާކުރެވިފައިވާ ކަންތައްތަކެވެ. އެހެންގޮތަކަށް ބުނާނަމަ ކޮމާންޑާއި، ޕްރޮހިބިޝަން އެވެ. ކޮންމެ ކޮމާންޑެއް ނުވަތަ ޕްރޮހިބިޝަންއަކީ ކުށަކަށް ނުވެއެވެ. ސަބަބަކީ އޭގައި ޢުޤޫބާތް ކަނޑައެޅިފައި ނުވާތީއެވެ. މިސާލަކަށް ބައެއްކަހަލަ ޖޫރިމަނާތައް ހިމެނިގެންދަނީ ސިވިލް ލޯގެ ދަށުން ގެއްލުން ލިބުނުމީހާއަށް ލިބިދެވޭ ގެއްލުމުގެ ބަދަލެއް ކަމުގައެވެ.

ޝަޚްސެއްގެ ގޮތުގައި ސަރުކާރު އޭގައި ބައިވެރިވާ ނުވަތަ އެއްވެސް ސިފައެއްގައި ސަރުކާރު އޭގައި ހިމެނޭގޮތަށް ހަމަޖެހިފައިވާ ޤާނޫނުތަކަށް ޤާނޫނީ ޢިލްމުގައި މުޚާތަބް ކުރެވެނީ، އެއީ ޕަބްލިކް ލޯ ކަމުގައެވެ. މިބާވަތުގެ ޤާނޫނުގައި ފަރުދީ ޙައްޤުތަކާއި ޖަމާޢަތުގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ވަރަށް މުހިއްމު ބައިތައް އެކުލެވިފައިވެއެވެ. މިއާ ޚިލާފަށް ޕްރައިވެޓް ލޯ އަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކާއި ހިންގޭ އެކިއެކި މުޢާމަލާތުތަކާއި ގުޅިގެން އުފެދޭ އެންމެހައި ޚުސޫމާތުތައް ޙައްލުކުރުމަށް ކަނޑައަޅާފައިވާ ޤާނޫނުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން