ލޯލަށް ފެނުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހޯދައިދިނުމުގެ ގޮތުން އިންތިހާބުތަކާއިބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އިންތިހާބުތަކާބެހޭ ޤާނޫނަށް ސަރުކާރުން މި އިސްލާހު ހުށަހަޅާފައި މިވަނީ އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ލޮލަށް ނުފެންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށެވެ.

ލޯލަށް ފެނުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ހޯދުމަށް އް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ މަޖިލީހުގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އެފަރާތްތަކުން ވަނީ ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ ގޮތެއް ދައްކާލާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެއް ދައްކާލާފައެވެ.

އެ އެސޯސިއޭޝަނުން ބުނީ އެ ޕްލާސްޓިކް ޝީޓުގައި ވޯޓު ކަރުދާހުގެ ގޮޅިތަކާއި ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރުމުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ޖަހަންވީތަން ދެނެގަނެވޭނެކަމަށެވެ. އަދި ވޯޓްލާއިރު އެ ޝީޓް ބޭނުންކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް މައުލޫމާތު ލިބިފައިނުވާކަމަށާއި އެއްވެސް އިދާރާއަކުން އެއީ ނުވާނެ ކަމެއް ކަމަށްވެސް ބުނެފައި ނުވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު