ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މާބޮޑު "ޗެލެންޖަކަށް" ވާނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމަކީ ރައީސް ސާލިހަށް އުނދަގޫތަކެއް ކުރިމަތިވާނޭކަމެއްތޯ ބުނެ ނޫސްވެރިން ކުރި ސުވާލުތަކަށް މިއަދު ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެެއް ރައީސް ސާލިހަށް އެބައޮތްކަމަށެވެ.

"ރައީސްއާއެކު ކޯލިޝަން ހަދާފައި އެއޮތީ އަދާލަތާއި އެމްޑީއޭއިން.. އެހެންވީމަ ވަރަށް ޔަގީންކަމާއެކު މި އިންތިހާބު ކާމިޔާބުކުރެވޭނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަކީ ރައީސަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ސާލިހަށް ދައްޗެއް ކުރިމަތިނުވާނެކަމަށެވެ.



"ރައީސްއަށް ޗެލެންޖެއް ނޫން އެއީ. ރައީސްއާ ބައިވެރިވެގެން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއެކު ވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް." މިއުވާން ވިދާޅުވިއެވެ.

ސިޔާސީ މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަކިކުރުމާއި ގުޅޭގޮތުން ސުވާލުކުރުމުން މިއުވާން ސީދާ ޖަވާބެއް ނުދެއްވައެވެ. މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އެ ޕާޓީގެ ލީޑަރޝިޕާއެކު ރައީސް ސާލިހު މަޝްވަރާތައް ފަށާނެކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ސަރުކާރެއްގެ ތެރޭގައި ދެ ރިޔާސީ ކެނޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު