އެޗްޑީސީގެ ބިމެއް އޮޅުވާލައިގެން ވިއްކާފައި ނުވާކަމަށް އެޗްޑީސީން ބުނެފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިހެން ބުނެފައި މިވަނީ އެޗްޑީސީގެ ދަށުގައި އޮންނަ ތިލަފުށީގެ ބިމެއް އެޗްޑީސީގެ މުވައްޒަފަކު އޮޅުވާލައިގެން ވިއްކާލަން އުޅުނުކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ ބިމެއް އޮޅުވާލައިގެން ވިއްކާފައި ނުވާކަމަށާއި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއްކަމަށެެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައިކަމަށެވެ. އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުޢާމާލާތެއްކޮށް މި މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން މި މައްސަލައިގެ ތަހުޤީޤުގައި އެ ކޯރޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައިކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެކަމަށެވެ. އަދި އެ ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް ވެސް އެޗްޑީސީން ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޑީސީން ބުނީ މި މައްސަލާގައި އެއް މިލިއަން ރުފިޔާގެ ބިމެއް ވިއްކާފައިވާކަމަށް މީޑިއާގައި ޝާއިއުކޮށްފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށެވެ. އަދި އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް ކޯރޕަރޭޝަންގެ އުސޫލުތަކުގެ ތެރެއިން ލިބިފައި ނުވާކަމަށާއި އެ ކޯޕަރޭޝަންގެ ބިންވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ، ދެފުއް ފެންނަ ހަމަހަމަ އުސޫލުތަކަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ.

"މިގޮތުން އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯރޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ވާހަކަވެސް ވެސް މި ފުރުޞަތުގައި ފާހަގަކުރަން. ވީމާ، މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، އަދި، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން." އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ވަނީ މިގޮތަށް ޣައިރުޤާނޫނީ ގޮތުން، އާންމުކޮށް އިޢުލާން ކުރުމަކާއި ނުލާ އަދި އަމިއްލަ އެކައުންޓް ބޭނުންކޮށް ހިންގޭ މުޢާމާލާތުތަކަށް އާއްމުން ސަމާލުވެ، މިފަދަ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް އެ ކޯޕަރޭޝަނަށް އެންގުމަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު