ޙުސައިން ރަޝީދު އަޙުމަދު   16 މާރިޗު 2023 - 11:55
މަޛްހަބަކަށް ތަބާނުވެ ދީނަށް ނޫޅެވޭނެއެވެ.
މަޛްހަބަކަށް ތަބާނުވެ ދީނަށް ނޫޅެވޭނެއެވެ.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

* ލާމަޛްހަބަށް އުޅުން:

މިހާރަކަށްއައިސް އަޅުގަޑުމެން ދިވެހީންގެ ތެރޭގައި އަދި ބޭރު ބައެއް ޤައުމުތަކުގައިވެސް ދީނުގެ ޙުކުމްތައް ހޯދުމުގައި ވަކި މަޒުހަބަކަށް ތަބާ ނުވުމާއި މަޒުހަބު ޤަބޫލު ނުކުރުމުގެ ވާހަކައަކީ ވަރަށް ބާރަށް ދެކެވެވުންދާ ވާހަކައެކެވެ. ވަކި މަޒުހަބަކަށް ތަބާވާން ނުޖެހޭކަމަށް ގަބޫލުކުރައްވާ އެބައިމީހުންގެ ދަޢުވާއަކީ މަޛްހަބަކަށް، އިމާމަކަށް ތަބާވާކަށް ނުޖެހޭނެއެވެ. ތަބާވާންޖެހޭނީ ކީރިތި ރަސޫލާއަށެވެ. މިފަދަ ވާހަކަތައް އަޑުއިވުމުން އަޅުގަނޑުގެ ހިތަށް އަރަނީ، މާކުރިން ބާވައިލެއްވިފައިވާ ޤުރުއާނެއް ނުވަތަ 1430 އަހަރުކުރިން އަވަހާރަވެފައިވާ ރަސޫލެއްގެ ޙަދީޘުތައް ސަނަދެއްނެތި މިއަދުގެ މީހަކު ހޯދާނީ ކިހިނަކުންހެއްޔެވެ؟ އަޞްލުގައި މިކަމަށް އިސްނަގައިގެން އުޅެނީ މިޒަމާނުގެ ބަައެއް ޖާހިލު ޝައިޚުންނެވެ. އެމީހުންގެ ފަތުވާއަކީ މަޒުހަބަކަށް ތަބާވުން ހުއްދަ ނުވާނެކަމަށެވެ. އުޅެން ޖެހޭނީ الله އާއި އެއިލާހުގެ ރަސޫލާގެ އެންގެވުމަށް ކަމަށެވެ. މިއީ ޙައްޤު އޮޅުވާލުމަށް ދައްކައިއުޅޭ ވާހަކަތަކެވެ. ޙަޤީޤަތުގައި މިކަހަލަ ވާހަކަ ގިނައިން ދައްކައިއުޅެނީ ވެސް ދީނުގެ މާބޮޑު އެއްޗެއް އެނގުމެއްނެތި ހަވާނަފްސުން އެތެރަހަށި ފުރިފައިތިބޭ މީހުންނެވެ. އެބައިމީހުންނީ ޢަރަބި ބަހުގެ އަކުރުތައްވެސް އެއިގެ މަޚުރަޖުތަކުން ރަނގަޅަށް އަދާކުރަން ނޭގޭމީހުންނެވެ. ހަމައެކަނި ސީޑީތަކުންނާއި ޓީވީއިން އަޑުއަހައިގެންނާއި، އިންޓަނެޓުންނާއި ޢަރަބިނޫން ޢަޖަމީ ބަސްބަހުން ބައެއް މީސްމީހުން ލިޔެފައި ހުންނަ ފޮތްތައް ކިޔާލައިގެންނާއި މިފަދަ ވަސީލަތްތަކަށް ހެއްލިގެން އުޅޭތީ އެފަދަމީހުން ފެނިގެންދެއެވެ.

* ނުރައްކައުތެރި ފިތުނައެއް:

އެހެނަސް ދަންނަވަންތޯއެވެ؟ މިމީސްމީހުން ފަތުވާދެނީ ދީނުގެ ސަލަފުއްޞަލިޙީންނަށް ގޮންޖަހަމުންނެވެ. އެއީވެސް ފިރިހެނުންނޭ، ތިމަންނާމެންނަކީވެސް ފިރިހެނުންނޭ، ބުނެ މިބައިމީހުން ދަޢުވާ ކުރާއަޑުވެސް އިވިގެންދެއެވެ. މިއަދާހަމައަށް ކީރިތި ރަސޫލާ ނަމާދު ކުރެއްވި ގޮތް ބަޔާންކޮށްފައިވާ ފޮތެއްވެސް ނެތްވާހަަކަ މިފަދަ ބައެއް ޝައިޚުން ބުނެއުޅެއެވެ. މިމައިދާނުގައި މިގޮތަށް އުފެދިފައިވާ މުޙައްދިޘުންނާއި ފިޤުހުވެރިންނާއި ތަފްސީރު ޢިލްމުވެރިންނާއި މުފްތީން މިހާރަކަށްއައިސް ރާއްޖޭގައި ވެސް މަދެއްނޫނެވެ. މިބައިމީހުން ދެކޭގޮތުގައި ޢާއްމު މީހުން މިއިން މީހަކަށް ތަބާވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މަޛްހަބަކަށް ތަބާވާނަމަ އެކުރެވެނީ ޝިރުކެކެވެ. މިމީސްމީހުން ތާއަބަދު ކުރަމުންދާ މަސައްކަތަކީ ސަލަފުގެ ބޮޑެތި އިމާމުވެރި ބޭކަލުންނަށް ބަސްބުނެ، ފާޑުކިއުމެވެ. އެހެންނާ ނަގަމުން މިދަނީ ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކެވެ. ސަލަފުންގެ ފޮތްތަކުންނެވެ. މިއީ މިއަދާހަމައަށް ދުނިޔެ ދެކިފައިނުވާ ވަރަށްވެސް ނުރައްކައުތެރި ފިތުނައެކެވެ.

* ކޮންމެ މަޛްހަބަކީ ޢިލްމުވެރިންގެ ފައުޖެއް އެކުލެވިގެންވާ ޢިލްމީ ކިއްލާއެއް:

މަޛްހަބުތަކާ އިންކާރު ކުރާއިރު މަޛްހަބަކީ ކޮން އެއްޗެއްކަން މިމީހުންނަށް އެނގޭބާއެވެ! ސަލަފުއް ޞާލިޙުންނަކީ މަޛްހަބުތަކުގެ އިމާމުންކަން ނުދަންނަނީ ބާވައެވެ. އެހެންނާ މިއިން ކޮންމެ މަޛްހަބަކީ ޢިލްމުވެރިންގެ ފައުޖެއް އެކުލެވިގެންވާ ޢިލްމީ ކިއްލާއެކެވެ. މަޛްހަބުތައް އުފަންވީއްސުރެން ފެށިގެން ދީނުގެ ބޮޑެތި އިމާމުން ވަޑައިގަތީ ކޮންމެވެސް މަޛްހަބަކާ ގުޅިގެން އެމަޛްހަބަކަށް ޚިދުމަތްދެއްވަމުން އެމަޛްހަބަކަށް ތަބާވެ ވަޑައިގެންނެވެ. މިގޮތުން ޝާފިޢީ މަޛްހަބަށް ބަލާއިރު އެމަޛްހަބުގައި މަޝްހޫރު ގިނަ ޢިލްމުވެރިން އެބަތިއްބެވިއެވެ. އެއިން ކޮންމެ ބޭކަލަކީ އެބޭކަލެއްގެ އެތެރެހަށި ޢިލްމުން ފުރާލެވައި ތިއްބެވި ބޭކަލުންނެވެ. އެއިން ބޭކަލަކަށް މައްސަލައެއް ހޯދުމަކަށް ފޮތަކަށް ބޭނުން ނުޖެހެއެވެ. އިމާމު ޝާފިޢީގެ ޙިކުމަތްތެރި ބަސްފުޅެއްގައި އައިސްފައި ވެއެވެ. "ތެދުތެދަށް ބުނަންހެއްޔެވެ؟ އަހުރެންގެ ޢިލްމު އަބަދުވެސް އުޅެނީ އަހަންނާ އެކުގައެވެ. އަހުރެންނަށް ޢިލްމަށް ބޭނުންވެވޭ ކޮންމެ ހިނދަކު އަހުރެންނަށް އެއިން ބޭނުންހިފެއެވެ. އެހެނީ އަހުރެންގެ ޢިލްމު ރައްކައުތެރި ކުރެވިފައިވަނީ އަހުރެންގެ އެތެރެހަށްޓާއި ހިތުގައެވެ. ފޮށްޓެއްގެ އަޑީގައެއްނޫނެވެ. އަހުރެން ގޭގައި އުޅޭނަމަ އެޢިލްމު އަހުރެންނާއެކު އުޅެއެވެ. ބާޒާރުމަތީ އަހުރެން އުޅުނު ކަމުގައި ވިއަސް އެޢިލްމު ހަމަ އަހުރެންނާއެކު ބާޒާރުގައި އުޅެއެވެ." މިއީ އެބޭކަލުންގެ ޢިލްމުގެ ފެންވަރެވެ. މިއަދު އަޅުގަނޑުމެން އެހެންތޯއެވެ؟ ޞައްޙަމަގުން ސަނަދާއެކު ކީރިތި ރަސޫލާގެ ޙަދީޘެއް ހިތުދަސް މީހަކު މިއަދުގެ ޝައިޚުންގެ ތެރެއަކު ނެތެވެ. މިއަދުވެސް އިންޓަނެޓު ނެތިއްޖެއްއްޔާ އަޅުގަނޑުމެންގެ ޢިލްމު އަޅުގަނޑުމެންނަށް ބީވީއެވެ. އަޅުގަނޑުމެންގެ ޙާލަކީ، ޙަދީޘުފޮތެއް ހުޅުވާލިއަސް ތަފްސީރުފޮތަކަށް ބަލާލިއަސް ފިޤުހީ މައްސަލައެއް ހޯދަންވިއަސް އަތްމަތީ ފެންނާން އޮންނަނީ ހަތަރު މަޛްހަބުގެ ތެރެއިން ކޮންމެވެސް މަޛްހަބެއްގެ އިމާމެއްގެ ފޮތެެކެވެ. ނުވަތަ އެބޭކަލުންގެ ބަސްފުޅުތައް ނަގުލުކޮށްފައިވާ ރިސާލާއެކެވެ.

* ސަނަދުގެ ގޮތުން އެންމެ ޞައްޙަ ޙަދީޘް:

މިބުނެވުނު ޝައިޚުން ނުވަތަ އިންޓަނެޓް ޝައިޚުން މަޛްހަބަށް ތަބާނުވާނަމޭ ބުނެ ތަބާވަނީ މިޒަމާނުގެ ކޮންމެވެސް ޝައިޚަކަށެވެ. އެމީހަކާ ކީރިތި ރަސޫލާއާ ދެމެދު 1430 އަހަރު ދުރުރާސްތާވަނީ ކަޑައްތު ވެފައެވެ. އެއާޚިލާފަށް މިދެންނެވި މަޛްހަބުތަކުގެ އިމާމުންނަކީ އެއްވަނަ ޤަރުނާއި ދެވަނަ ޤަރުނުގެ ބޭކަލުންނެވެ. އެބޭކަލުން ޢިލްމު ހޯއްދަވައި ޙަދީޘު ރިވާކުރެއްވީ ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި އެބޭކަލުންގެ ތާބިޢީންގެ ކިބައިންނެވެ. މިސާލަކަށް އިމާމު މާލިކެވެ. އެކަލޭގެފާނުންގެ ޢިލްމީ އެއް ގިލަފަތި އެމުނިފައިވަނީ އެންމެ މާތް ދެތާބިޢީންކަމުގައިވާ ނާފިޢާއި ސާލިމުއާއެވެ. އެކަލޭގެފާނުން ނާފިޢުގެ ކިބައިން ނުވަތަ ސާލިމުގެ ކިބައިން ރިވާކުރަށްވާފައިވާ އިބްނި ޢުމަރުގެ ރިވާޔަތަކީ ސަނަދުގެ ގޮތުން މުޙައްދިޡުން ވިދާޅުވާ ގޮތުގައި ޙަދީޘުގެ "ރަން ސިލްސިލާ" އެވެ. އަދި މާލިކުގެފާނުންގެ ސަނަދުގައި އެއްރާވީ ފަހަތަށް ގޮސްފިނަމަ އެއީ ޙަދީޘު ޢިލްމުގައި އެންމެ ޞައްޙަ ސަނަދެވެ. އެހެން ޢިބާރަތަކުން ބުނާނަމަ އެންމެ މަތިވެރި ސަނަކީ މާލިކުގެފާނުންގެ ދަރިވަރު އިމާމު ޝާފިޢީ އެކަލޭގެފާނުންގެ ޝައިޚު އިމާމު މާލިކުގެ ކިބައިން އެކަލޭގެފާނު ނާފިޢުގެ ކިބައިން އެކަލޭގެފާނު ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ރިވާކުރަށްވާ ރިވާޔަތްތަކެވެ. މިސަނަދާމެދު އިމާމު އަބޫ މަންޞޫރު އައްތަމީމީއާއި އިބްނި ޞަލާޙާއި ނަވަވީއާއި އިބްނި ޙަޖަރު ވިދާޅުވަނީ މިސަނަދަކީ أصح الأسانيد އަދި أجل الأسانيد ކަމަށެވެ. އެބަހީ އެންމެ ޞައްޙަ އަދި އެންމެ މަތިވެރި ސަނަދެވެ. މިބުނެވުނު ސަނަދު އިމާމު މާލިކުން ފެށޭނަމަ އެއީ السلسلة الذهبية އެވެ. "ރަން ސިލްސިލާ" އެވެ. (އެބަހީ މާލިކު+ ނާފިޢު+ އިބްނި ޢުމަރު+ ކީރިތި ރަސޫލާ އަކީ "ރަން ސިލްސިލާ" އެވެ.) އަދި އިމާމު ޝާފިޢީ +(މާލިކު+ ނާފިޢު+ އިބްނި ޢުމަރު+ ކީރިތި ރަސޫލާ އަކީ " އެންމެ މަތިވެރި ސަނަދެވެ.")

* ދީނުގެ ޞައްޙަ ގޮތްތައް ބީރައްޓެހި ގޮތްތަކަކަށްވުން:

މިބުނެވުނު ލާމަޛްހަބީ، ސަލަފީ ބައެއް މީހުން ދެކެނީ އެމީހުންނީ"ސުއްނަތަށް ލޯބިކުރާ" މީހުންކަމަށެވެ. ޙަޤީޤަތުގައި މިއީ ނުރައްކާތެރިކަން ބޮޑުކަމެކެވެ. އެއީ އައްސަލަފުއް ޞާލިޙުންގެ ގޮތްކަމުގައި ދަޢުވާކުރަމުން ދާތީއާއި އެންމެ ޞައްޙަ އަދި އެންމެ ޙައްޤުގޮތަކީ މިމީހުން އުޅެމުންދާ ގޮތޭ ބުނަމުންދާތީއެވެ. މިއަދާހަމައަށް ދީންމަތީ މުސްލިމުން އުޅެމުން އައިގޮތް ގޯސް ކުރަމުން ދާތީއެވެ. މީގެސަބަބުން ދިވެހިންގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނަށް ވަނީ ވަރަށްބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ޒަމާނުއްސުރެން ދިވެހިރާއްޖޭގައި ހިގަމުންއަންނަ އިސްލާމްދީނުގެ ޞައްޙަ ގޮތްތަކަކީ ބީރައްޓެހި ގޮތްތަކަށްވެ، އެކަންކަމަކީ ބިދުޢަވެރިކަންކަމަށް ބަދަލުވީއެވެ. ނަތީޖާއެއްގެ ގޮތުން ތިމަތިމާމެން ހިތުހުރި ގޮތަކަށް އިސްލާމް ދީނަށް އުޅެންޖެހޭގޮތް ޢާއްމުވަމުންދާން ފަށައިފިއެވެ. މިބައިމީހުން ނޫން މީހުން ބިދުޢަވެރިންނަށް ވެއްޖެއެވެ. މިބައިމީހުންނާ ޚިލާފުވާ މީހުން ކާފިރުންނަށް ވެއްޖެއެވެ. މިބައިމީހުން ބަލަނީ ސުއްނަތުގެ ނަމުގައި ކޮންމެވެސް އާގޮތެއް ވުޖޫދު ކުރެވޭތޯއެވެ؟ މީގެ މިސާލުތައް ބައިވަރެވެ. އެއް މިސާލު ދަންނަވާލާނަމެވެ. ކަށުނަމާދުގައި ކިޔާ ތަކްބީރުގެ ޢަދަދެވެ. ނުވަތަ ކަށުނަމާދުގައި އަލްޙަމްދު ނޫން އެހެން ސޫރަތެއް ކިޔެވުމުގެ މައްސަލައެވެ.

* ކަށުނަމާދުގައި އަލްޙަމްދަށްފަހު ސޫރަތްކިޔެވުމަކީ ބިދުޢައެއް:

ކަށުނަމާދުގައި އޮންނަނީ ކިތައް ތަކްބީރުތޯ ސުވާލު ކުރެވިއްޖެނަމަ ޖަވާބަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތީއްސުރެން އެހާރާއި މިހާރުގެ އެންމެހައި މުސްލިމުން ކަށުނަމާދުގައި ކިޔަނީ ހަަތަރު ތަކްބީރު ކަމެވެ. ކީރިތި ރަސޫލާ ނަޖާޝީއަށް ކުރެއްވި ނަމާދުގައި ކިއުއްވީ ހަތަަރު ތަކްބީރެވެ. އޭގެފަހަކުން ހަތަރަކަށް ވުރެން ތަކްބީރު އިތުރު ކުރަށްވާފައި ނުވެއެވެ. ނަމަވެސް އިސްލާމް ދީނުގެ ކުރީކޮޅުގައި އިތުރު އެކަލޭގެފާނުންގެ އަރިހުން ހަތަރު ތަކްބީރާއި ފަސް ތަކްބީރާއި ހަތަކްބީރާއި ހަތް ތަކްބީރާއި އަށް ތަކްބީރުވެސް ސާބިތުވެފައި އެބަހުއްޓެވެ. އެކަމަކު ވިސްނާލަންޖެހެނީ މުސްލިމު އުއްމަތް ވަނީ ކީރިތި ތަސޫލާއަށް ފަހުން ހަތަރު ތަކްބީރުގެ މައްޗަށް އިޖްމާވެފައި ކަމެވެ. އިމާމު ނަވަވީއާއި އިބްނިޢަބްދުލް ބައްރު ވިދާޅުވަނީ ހަތަރުތަކްބީރުމަތީ މުސްލިމުން ދެމިތިބެމުން އަންނަކަމަށް ދީނުގެ ދަންނަބޭކަލުން އިޖްމާ ވެފައިވާކަމަށެވެ. ކަންމިހެން އޮތްއިރު ހިތާމައަކީ ބައެއް މީހުން ސުއްނަތުގެ ނަމުގައި ކަށުނަމާދުގައި ފަސް ތަކްބީރާއި ހަތަކްބީރު ކިޔަންފެށިކަމެވެ. ހަމަގައިމު މިއީ އެއްވެސް ޒަމާނެއްގައި މުސްލިމުންގެ ޢަމަލެއްނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބައެއް ރިވާޔަތްތަކުން ފެންނާންއޮތް ކަމުގައިވިއަސް މިބެނުވުނު ޢަމަލުތައްވަނީ މަންސޫޚު ވެފައެވެ. އަދި އެއީ ރައްކައު ކުރެވިފައިނެތް ޢަމަލުތަކަކަށްވާތީ މުސްލިމު އުއްމަތްވަނީ އެކަންދޫކޮށްލާފައެވެ. އެހެން މިސާލެއް ދަންނަވާލާނަމެވެ. ކަށުނަމާދުގައި އަލްޙަމްދަށްފަހު ސޫރަތް ކިޔެވުމުގެމައްސަލައެވެ. ހަތަރު މަޛްހަބުގެ އެންމެހައި އިމާމުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ކަށުނަމާދަކީ ދުޢާއެކެވެ. އެހެންކަމުން ދުޢާކުރުމާއި ޞަލަވާތް ކިޔެވުމާއެކު ޤުރުއާނުން ކިޔަވަން އޮންނަނީ ހަމައެކަނި އަލްޙަމްދެވެ. އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ އަލްޙަމްދުވެސް ކިޔަވަން އޮންނަނީ ދުޢާއެއްގެ ގޮތުގައި ކަމަށެވެ. އެނޫން ތަނެއް ޤުރުއާނުން ކިޔެވުމެއް ނޯވެއެވެ. އެހެންނަމަވެސް މިއަދުގެ ޝައިޚުންގެ ފަތުވާއަކީ ކަށުނަމާދުގައި އަލްޙަމްދަށް ފަހުން ސޫރަތް ދޫކޮށްލުމަކީ ސުއްނަތާ ޚިލާފުވާ ކަމެއް ކަަމަށެވެ.

ދަންނަވަންތޯއެވެ؟ ދުވަހަކުވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަށުނަމާދުގައި އަލްޙަމްދުގެ އިތުން ސޫރަތެއް ކިޔަވައިވިދާޅުވި ކަމަށް ސާބިތެއް ނުވެއެވެ. އެއީ ކަނޑައެޅިގެން އޮތް ބިދުޢައެކެވެ. ސުއްނަތް ދިރުވުމުގެ ނަމުގައި ސަލަފުގެ ޢިލްމުވެރިން ދޫކޮށްފަ، ނުވަތަ ހަތަރު މަޛްހަބު ދޫކޮށްލާފަ ތިމާއަށް ފޮތަކުން ފެނުނު ރިވާޔަތަކަށް ޢަމަލުކުރަން ހަދައިގެން ނިކުންނަ ނުބައި ނަތީޖާއަކީ އެންމެ ހެއު ޤަރުނު ކަމުގައި ކީރިތި ރަސޫލާ އަންގަވާފައިވާ ސަލަފުއް ޞާލިޙުންގެ ޢަމަލު ދޫކޮށް ތިމާމެންގެ ހަވާނަފްސަށް ތަބާވާންޖެހުމެވެ. ޖަހާލަތުގެ ކަޅު އަނދިރިގަޑަކަށް ވެއްޓުމެވެ. ސުއްނަތުގެ ނަމުގައި ބިދުޢަތް ދިރުވުމެވެ. ތެދެކެވެ! ކަށުނަމާދުގައި ކިޔަވާ ތަކެއްޗާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން އިމާމު ނަސާއީ ރިވާކުރެއްވި ރިވާޔަތެއް އާދެއެވެ. އެއީ އިބްނި ޢައްބާސް ކަށުނަމާދު ކުރެއްވިއިރު ހަރުއަޑުން ހުރިހާ އެއްޗެހިވެސް ވިދާޅުވި ކަމަށާއި އަލްޙަމްދަށް ފަހު ސޫރަތެއް ވިދާޅުވި ކަމަށެވެ. ދެން އެގޮތަށް ކަންކުރެއްވީ ކީއްވެގެންތޯ އެކަލޭގެފާނާ މީހަކު ސުވާލު ކުރުމުން ވިދާޅުވީ ފުރިހަމަ ސުއްނަތެއް ކަމަށެވެ. މިޙަދީޘާ ބެހޭގޮތުން ދަންނަވާލަން އޮތީ މިއީ ޟަޢީފު ޙަދީޘެކެވެ.

އެއީ އިބްނި ޢައްބާސްގެ ބަސްފުޅެކެވެ.

ކީރިތި ރަސޫލާ ސޫރަތް ވިދާޅުވި ކަމަކަށް ސާބިތުވާން ނެތެވެ. އިބްނި ޢައްބާސް ސޫރަތް ބާރަށް ވިދާޅުވިކަމަށް ބުނާއިރު ރާވީ އެއީ ކޮން ސޫރަތެއްކަން ވިދާޅުނުވީ ކީއްވެތޯއެވެ؟

މިޙަދީޘު ޞައްޙަ މަގުން އަންނަނީ ހަމައެކަނި އަލްޙަމްދު ވިދާޅުވި ކަމަށެވެ. ބުޚާރީއާއި އެނޫން ބޭކަލުން އެރިވާޔަތް ނެރުއްވާފައި ވެއެވެ.

ސޫރަތް ވިދާޅުވިކަމަށް އޮތް އޮތުމަކީ ޞައްޙަ ޙަދީޘުތަކާ ފުށުއަރާ ކަމަކަށްވާތީ އިމާމު ބައިހަޤީ ވިދާޅުވަނީ އެއީ ސާބިތުނުވާ (غَيْرُ مَحْفُوظٍ) ބަސްފުޅެއް ކަމަށެވެ.

ނަވަވީއާއި އެނޫން ޢިލްމުވެރިން ވިދާޅުވަނީ އިބްނި ޢައްބާސް ސުއްނަތެކޭ ވިދާޅުވީ ދުޢާކުރުން ކަމަށެވެ. ޚުދް ބައެއް ރިވާޔަތްތަކުގައި އިބްނި ޢައްބާސް ވިދާޅުވެފައި ވަނީ ތިމަން ބާރަށް ކިޔަވައި ވިދާޅުވީ އަލްޙަމްދު ކިޔެވުމަކީ ސުއްނަތްގޮތްކަން އެންގެވުމުގެ ގޮތުން ކަމަށެވެ.

* ސަލަފުގެ އިމާމުންނަކީ މިއީ:

މަޛްހަބަަކާ ނުލައި ދީނަށް އުޅެވޭނީ ކިހިނަކުންތޯއެވެ؟ އިމާމުވެރި ބޭކަލުންނަކީ ޢަރަބި ބަހަށް އަރާތިއްބެވި ބޮޑެތި ޢިލްމީ ކަނޑުތަކެވެ. އަޞްޙާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ބޮޑެތި ޢިލްމުވެރިންގެ ކިބައިންނާއި ތާބިޢީ ބޭކަލުންގެކިބައިން ކީރިތި ޤުރުއާނުގެ ތަފްސީރު އުނގެނި އޭގެ ތަފްސީރު ފޮތްތައް ލިއުއްވީ ސަލަފުގެ އިމާމުންނެވެ. ކީރިތި ޤުރުއާން ކިޔަވާނެ ގޮތާއި އޭގެ އުޞޫލުތައް ހޯއްދަވައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ޤިރާއަތްތައް ހޯއްދަވައި، ޖަމާކުރަށްވައި ޤުރުއާން ކިޔަވާނެ ތަފާތު އެކިއެކި ޤިރާއަތްތައް އެކުލަވާލެއްވީ ސަލަފުގެ އިމާމުންނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ޙަދީޘުތައް ހޯއްދަވައި އެޙަދީޘުތަކުގެ ޞައްޙަ ނުޞައްޙަ ބައްލަވައި ޙަދީޘުތަކުގައި ސަނަދުގެ މިންއަޅުއްވައި މުޙައްދިޡުންގެ ވަނަވަރު ބައްލަވައި ފޮތްފޮތުގެ ސިފައިގައި އުއްމަތަށް ރަސޫލާގެ ސުއްނަތްތައް ދެއްކެވީ ސަލަފުގެ އިމާމުންނެވެ. ޤުރުއާނާއި ޙަދީޡުން ޝަރީޢަތުގެ މައްސަލަތައް ނެރެ އިސްތިންބާޠު ކުރާނެ އުޞޫލުތައް ހައްދަވައި އެއުޞޫލުތަކުގެ ދަށުން ފިޤުހުގެ ނަމުގައި ޝަރުޢީ ނިޒާމެއް އީޖާދު ކުރެއްވީ ސަލަފުގެ އިމާމުންނެވެ. މިގޮތުން މިފަންނުތަކުގެ ތަފާތު މަދްރަސާތައް އުފެދި އެއްޖީލުން އަނެއް ޖީލަށް މުސްލިމުން އައީ މިބުނެވުނު މަދްރަސާތަކުގެ ހިޔަލުގައި ޤުރުއާނާއި ސުއްނަތަށް ޢަމަލު ކުރުމުގައި މިބުނެވުނު އިމާމުވެރި މުޖްތަހިދުންނަށް ތަބާވަމުންނެވެ. މުސްލިމުންއައީ މިބުނެވުނު އިމާމުންގެ ކިބައިން ތިމާމެންނަށް ބޭނުންޖެހޭ ދީނީ މައްސަލަތައް ހޯދަމުން އެއްޖީލުން އަނެއް ޖީލަށް ތަބާވަމުން، އެކަންކަން ނަގުލު ކުރަމުންނެވެ. މަޝްހޫރު ހަތަރު މަޛްހަބުގެ ތެރެއިން ކޮންމެ މަޛްހަބަކީ މިބުނެވުނު ގޮތަށް އުފެދުނު ހާހުން ގުނާލެވޭ އިމާމުންގެ މައްޗަށް އެކުލެވެމުން އައި ބޮޑު ޢިލްމީ ފައުޖެކެވެ. ނަބަވީ އިރްޝާދުން ދިއްލާލެވިފައިއޮތް ޢިލްމީ ކިއްލާއެކެވެ.

ޙަދީޘު ޢިލްމުގައި މަޝްހޫރުވެފައިވާ ޞައްޙަ ހަ ފޮތާއި އޭގެ ތެރެއިންވެސް އެންމެ ޞައްޙަ ދެފޮތް އުފަން ވިއެވެ. އެނޫންވެސް އެތަކެއް ލައްކަ ޙަދީޘުފޮތްތަކެއް ވުޖޫދަށް އައެވެ. އެއިންކޮންމެ ފޮތެއްގެ މުޞައްނިފަކީ ޢިލްމީ ބޮޑު ޚަޒާނާއެއްގެ ވެރިއެކެވެ. މިބުނެވުނު ފޮތްތަކުގެ ޝަރަޙަތައް އެކިއެކި ޒަމާނުގައި އުފެދި ތައުލީފު ކުރެވި ދުނިޔޭގެ ލައިބުރަަރީތައް ފުރިފައިވަނީ އެފޮތްތަކުންނެވެ.

މިހުރިހާކަމެއް މިމޭރުމުން އެއްޖީލުން އަނެއް ޖީލަށް ނަގުލުވަމުން ތަބާވަމުން އައިސްފައިވަނިކޮށް މިއަދު ބަޔަކު ތެދުވެ ތިމާމެން ބަލާނީ ޤުރުއާނާއި ސުއްނަތަށޭ، ތިމަންމެންނަށް ތަބާވާން އަންގަވާފައިވަނީ އެދޭއްޗަށޭ ބުނެ އަޑުއުފުލާނަމަ ސުވާލަކީ އެފަދަ ބަހެއް ސަލާމަތް ބުއްދިއަކުން ޤަބޫލުކުރެވޭނެ ބާއެވެ! މިފަދަ ބަޔަކަށް ތިމާމެން އަމިއްލައަށް ޙަދީޘު ހޯދިދާނެތޯއެވެ؟ ޤުރުއާނުގެ ތަފްސީރު ކުރެވޭނެތޯއެެވެ؟ ފިޤުހީ އުޞޫލުތަކަކާ ނުލައި ޝަރީޢަތުގެ މައްސަލަތައް ނެރޭނެ ގޮތެއް ހޯދިދާނެތޯއެވެ؟ ޝައްކެއްނެތެވެ! މިއީ މަގު އޮޅުވާލުމެވެ. މިގޮތަށް އުޅެން ފަށައިފިނަމަ ކުރިމަތިލާންޖެހޭނީ މަގުފުރެދުމާއެވެ.

* އަޅުގަނޑުމެން ތަބާވަނީ ޞައްޙަ ޙަދީޘަށް:

ދަންނަވަންތޯއެވެ؟ އަޅުގަނޑުމެން ޤުރުއާނާއި ސުއްނަތަށް ޢަމަލުކުރާނީ އިމާމު އަބޫ ޙަނީފާއާއި މާލިކާއި ޝާފިޢީއާއި އަޙްމަދު މިހަތަރު ބޭކަލުން ބިންގާއެޅުއްވި ޢިލްމީ މަދްރަސާތަކުގެ ތެރެއިން ކޮންމެވެސް މަދްރަސާއެއްގެ ހަތަރުފާރު ތެރެއިންނެވެ. އެބޭކަލުން ވިދާޅުވެފައިވަނީ އެބޭކަލުންގެ ބަހެއް ޞައްޙަ ޙަދީޘަކާ ފުށުއަރާނަމަ އެބަސް ދޫކޮށްލާފައި ޞައްޙަޙަދީޘަށް ޢަމަލުކުރުމަށެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ތަބާވާންޖެހޭނީ މިބުނެވުނު ސަލަފުގެ ޢިލްމުވެރިންނަށެވެ. މާތް ﷲ ނިސާ ސޫރަތުގެ 115 ވަނަ އާޔަތުގައި ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا މާނައީ: އަދި އެމީހަކަށް ތެދުމަގު އެނގުމަށްފަހު ރަސޫލާއާ ދެކޮޅުވެރިވެ، އަދި މުއުމިނުންގެ މަގު ދޫކޮށްލައި، އެނޫން މަގަކަށް ތަބާވެއްޖެ މީހާ ދަންނާށެވެ! އޭނާއަށް އޭނާ އިޚްތިޔާރު ކުރި މަގެއްގައި ހިނގަން ތިމަން ﷲ އޭނާ ދޫކޮށްލައްވާ ހުށީމެވެ. އެއަށްފަހު ޤިޔާމަތް ދުވަހުން ތިމަންﷲ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. ދަންނާށެވެ! އެއީ ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ. އަދިވެސް މާތް ﷲ ތައުބާ ސޫރަތުގެ 122 ވަނަ އާޔަތުގައި މިފަދައިން ވަޙީކުރަށްވާފައި ވެއެވެ. فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ މާނައީ: ޤައުމު ދިފާޢުކުރުމަށް އެންމެން ނުނިކުމެ، އެއްބަޔަކު ރަށުގައި މަޑުކުރާހާލު، ރަށުގައި ތިބި މީހުންގެ ތެރެއިން ކޮންމެ އަވަށަކުން ވެސް ކޮންމެވެސް އެކަކު (ނުވަތަ ޢަދަދެއް) ދީނުގެ ފިޤުހުވެރިކަން ހޯދުމަށް ކީރިތި ރަސޫލާގެއަރިހު މަޑުކޮށްލާށެވެ. މިއެވެ. ދަންނާށެވެ! ޙަޤީޤީ ޢިލްމުވެރިންނަކީމިއީއެވެ. އެމީހުންގެ މަތިވެރިކަން ބަޔާން ކުރަށްވަމުން އާލު ޢިމްރާނު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ މާނައީ: ﷲ އީ އެއްކައުވަންތަ އިލާހު ކަމުގައި ﷲ ކަނޑައަޅުއްވައި ޙުކުމް ކުރަށްވައެވެ. އަދި އެކަމަށް އެއިލާހުގެ މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިން ހެކިވެއެވެ. އެބައިމީހުންނީ ޢަދުލު އިންޞާފަށް ތަބާވެއުޅޭ މީހުންްނެވެ.

ކޮންމެއަކަސް ދީނުގެޢިލްމު އެނގިފައިތިބި މީހުންނަކީ ކީރިތިރަސޫލާ ސިފަކުރަށްވާފައިވާ ގޮތުން އެންމެހެޔޮ ތިންޤަރުނުގެ ޢިލްމުވެރިންނެވެ. އެބޭކަލުންގެތެރޭގައި ތިއްބެވި އިމާމުވެރި ބޭކަލުންނެވެ. އަޅުގަނޑުމެން ތަބާވާންޖެހެނީ އެބޭކަލުންނަށެވެ. ޤުރުއާނާއި ޙަދީޘުގެޢިލްމު ލިބިގަނެވޭނީ މިބޭކަލުންގެ ކިބައިންނެވެ. މިނޫންމަގެއް އިޚްތިޔާރުކޮށްގެން ތެދުމަތެއް ނުލިބޭނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާނދޭވެ! އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން