ޞާދިރު ޢަލީދީދީ   16 މާރިޗު 2023 - 9:50
މާތް ﷲ ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވާފައިވަނީ އެއްބަޔަކު އަނެބަޔަކަށް މާފްކޮށް ހިތްހެޔޮކުރެއްވުމަށް
މާތް ﷲ ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވާފައިވަނީ އެއްބަޔަކު އަނެބަޔަކަށް މާފްކޮށް ހިތްހެޔޮކުރެއްވުމަށް
އެހެން ޢިބާރާތަކުން ދަންނަވާނަމަ އިސްލާމީ އަޚްލާޤަކީ އިލާހީ އަޚްލާޤެވެ. މާނައަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނާމެދު މުޢާމަލާކުރާ ފަދައިން މީހުންނާމެދު ދީލަތިކަމާއި އޯގާވަންތަވެރިކަމާއެކު މުޢާމަލާކުރުމެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވާފައިވަނީ އެއްބަޔަކު އަނެބަޔަކަށް މާފްކޮށް ހިތްހެޔޮކުރެއްވުމަށެވެ. އަދި އެކަލާނގެއީ ޢަފޫކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.

އާދެ، މީހަކާމެދު ދެބަސްބުމެއް އަރައިރުމެއް ހިނގިކަމުގައިވިޔަސް އަޅުގަނޑުމެން އެކަމުގައި އެމީހަކާމެދު މުޢާމަލާކުރުމުގައި އަޅުތަކުންނާމެދު މާތް ﷲ ކަންތައްތައް ކުރައްވާ ގޮތުން ނަމޫނާ ހޯދުމެވެ. މާތް ﷲ އިންސާނާގެ ކުށް ޢަފޫކޮށްދެއްވައެވެ. އެއްވެސް މީހަކު ކުރާ ފާފައެއްގެ ސަބަބުން އެމީހަމު އެކަލާނގެ އޯގާވަންތަކަމުން މަޙްރޫމެއް ނުކުރައްވައެވެ. އަޅުގަނޑުމެންވެސް ކަންތައް ކުރާންޖެހެނީ ހަމައެފަދައިންނެވެ.

އަޅުގަނޑުމެންނާ ބެހޭގޮތުން މީހަކު އަޅުގަނޑުމެން ނުރުހޭ ވާހަކައެއް ދެއްކިކަމުގައިވިޔަސް އަދި އެވާހަކަޔަކުން އަޅުގަނޑުމެންގެ ހިތުގައިޖެހުނުކަމުގައިވިޔަސް އަދި އަޅުގަނޑުމެންގެ ހިތުގައި ޝަކުވާ އުފެދޭކަހަލަ ކަމެއް މީހަކު ކުރިކަމުގައިވިޔަސް ހަމައެކަނި އެސަބަބަށްޓަކައި އަޅުގަނޑުމެން އެމީހާއާމެދު ހިތްނުބައި ނުކުރުމެވެ. އެމީހަކަށް ކުރެވުނު ކުށް ހަނދާންނައްތައިލައި، އެމީހަކާމެދު އުފެދިފައިވާ ޝަކުވާ ހިތުން ފުހެލުމަށްފަހު އެމީހަކާ މުޢާމަލާކުރުމެވެ. އިސްލާމީ އަޚްލާޤިއްޔާތަކީ ކުރުކޮށް ދަންނަވާނަމަ ހިތުގެ މުއްސަނދިކަމުގެ އަޚްލާޤިޔްޔާތެވެ.

ޢާންމުގޮތެއްގައި މީހުންގެ އަޚްލާޤު ހުންނަނީ އަނެކުން ތިމާއާމެދު ކަންތައް ކުރާގޮތާއި ދައްކާވާހަކައިގެ މައްޗަށް ބިނާވެފައެވެ. ނަމަވެސް މުސްލިމަކީ މީހަކު ބުނި އެއްޗަކަށް ނުވަތަ މީހަކު ކުރި ކަމަކަށް ބެލުމެއްނެތި އެއަށްވުރެ މަތީ ހިތަކާއެކު މީހުންނާ މުޢާމަލާކުރާ މީހާއެވެ. އޭނާގެ އަޚްލާޤު ބިނާވާންޖެހޭނީ މާތް ﷲ ގެ އެންގެވުންތަކުގެ މައްޗަށެވެ. ގޮނަކަށް ގޮނައް ދިނުމުގެ ނަފްސިއްޔާތުގެ މައްޗަކަށް ނޫނެވެ.

އިސްލާ އަޚްލާޤުގެ އެންމެމަތީ ދަރަޖައަކީ އެމީހަކީ އަނެކުންނަށް މަންފާކުރަނިވި މީހަކަށްވުމެވެ. އެހެންމީހުންނަށް ބޭނުންހިފޭ މީހަކަށްވުމެވެ. އެމީހަކީ އަޚްލާޤުގެ އެންމެ ދަށުދަރަޖައަކަށް ވާންޖެހޭނީ އެމީހެއްގެ ނުބައިކަމުން އަނެކުން ސަލާމަތްކުރުމެވެ. އެމީހެއްގެ ހަތަރެސްފަޔާއި ދުލުގެ ނުބައިކަމުން އަނެކުން ރައްކާތެރިކުރުމެވެ. އިސްލާމީ އަޚްލާޤުގައި މިއަށްވުރެ ދަށުދަރަޖައެއް ނުވެއެވެ.

*********

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން