ޞާދިރު ޢަލީދީދީ   15 މާރިޗު 2023 - 11:6
މިދުނިޔެއަކީ އިމްތިޙާނުގެ ދުނިޔެއެކެވެ
މިދުނިޔެއަކީ އިމްތިޙާނުގެ ދުނިޔެއެކެވެ
މާތް ﷲ ގެ ބިމުގައި ކުރެވޭ އެންމެ ބޮޑެތި ކުށްތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ތެދުޙަޤީޤަތް ގަބޫލު ނުކުރުމެވެ. އިންސާނެއްގެ ކުރިމައްޗަށް ތެދުވާހަކައެއް ނުވަތަ ޙަޤީޤަތެއް ހުށަހެޅި އެކަމަށް އިޢުތިރާފު ނުވުމެވެ.

ތެދުޙަޤީޤަތަކީ އިންސާނާއަށް އާކަމެއް ނޫނެވެ. އެއީ އިންސާނާގެ ޠަބީޢަތުގައި އެކުލެވިފައިވާ ކަމެކެވެ. އެއީ އިންސާނާ ދަނެފަރިތަ ރައްޓެހި އެއްޗެކެވެ. އެހެންކަމާއެކުވެސް އިންސާނާ އެގަބޫލުކޮށް އެއަށް އިޢުތިރާފުނުވަނީ ކީއްވެގެންބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ ތެދު ގަބޫލުކުރުމަށް ހުރަސްއަޅަނީ ނަފްސާނީ ސަބަބުތަކެއް ކަމުގައެވެ.

ބައެއްފަހަރު ދިމާވާގޮތުން ތެދު ގަބޫލުކޮށްފިނަމަ ތިމާގެ ދުނިޔަވީ މަޞްލަޙަތުތަކުގެ ނިޒާމު ބޮއްސުންލައިފާނެކަމަށް ހީވަނީއެވެ. ތެދު ގަބޫލުކޮށް އެކަމަށް އިޢުތިރާފުވުމަށް ދޭންޖެހޭ އަގަކީ ތިމާއަށް މަތީމަޤާމަކުން ދަށްމަޤާމަކަށް ފައިބާން އެއްބަސްވެވުން ކަމުގައި ހީވަނީއެވެ. އަނެއްބައިފަހަރު ތެދު ގަބޫލުކުރުމަށް ހުރަސްއަޅާ ސަބަބަކަށްވަނީ ތެދުވާހަކަ ބުނާ މީހާއަކީ މާއާދައިގެ މީހަކަށްވާތީ އެމީހާގެ ވާހަކަ ގަބޫލުކުރުމަކީ ތިމާގެ ގަދަރަށް އުނިކަން އަންނަކަމެއްކަމުގައި ބެލެވެނީއެވެ. ނުވަތަ ތެދުވާހަކަ ބުނާ މީހާއަކީ ތިމާގެ ހިތުގައި ޒާތީގޮތެއް އޮންނަ މީހެއްކަމުގައި ވަނީއެވެ. މިދެންނެވި ބާވަތުގެ ނަފްސާނީ ކަންތައްތަކެއް އިންސާނާގެ ސިކުނޑިއަށް ވެރިވެގަތުމުގެ ނަތީޖާއެއްގެ ގޮތުން އިންސާނުން ކުޑަކޮށްވެސް އެކަމާމެދު ޚިޔާލުކޮށްލައިފިނަމަ ޙަޤީޤަތްކަމުގައި ގަބޫލުކުރަންޖެހޭނެ ކަންތައްތަކަށް އިންކާރު ކުރެވެނީއެވެ.

ޝައްކެއްވެސް ނެތެވެ. މިދުނިޔެއަކީ އިމްތިޙާނުގެ ދުނިޔެއެކެވެ. މިދުނިޔޭގައި އަޅުގަނޑުމެންގެ ކުރިމައްޗަށް ތެދު ފޮނުއްވަނީ އަޅުގަނޑުމެން ހެެއްދެވި މާތް ﷲ އެވެ. އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅޭ އެއްއިމްތިޙާނަކީ ތެދު ގަބޫކުކުރުމުގެ އިމްތިޙާނެވެ. ތެދު އަޅުގަނޑުމެންނާ ކުރިމަތިލާއިރު، ޢަދާވާތްތެރިކަމުގެ ސަބަބުން ނުވަތަ ބޮޑާކަމުގެ ސަބަބުން ނުވަތަ މަޞްލަޙަތަށް އަޅުކަން ކުރުމުގެގޮތުން ތެދު ގަބޫލުނުކޮށް ދޫކޮށްލުމީ އަޅުގަނޑުމެން ހެއްދެވި ފަރާތުން ކުރިމަތިކުރެއްވި އިމްތިޙާނަކުން އަމިއްލައަށް ފޭލްވެގަތުމެވެ.

ތިމާއަކީ ތިމާހެއްދެވި ފަރާތަށްވުރެ ބޮޑުމީހެއް ކަމުގައި ދެކޭ ނުވަތަ ތިމާގެ އަމިއްލައެދުމުގެ ކުރިމަތީގައި ތިމާ ހެއްދެވި ފަރާތުން އެދިވޮޑިގަންނަވާގޮތް ދޫކޮށްލާ މީހަކާމެދު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެފަދަ މީހަކުވާނީ އާޚިރަތްދުވަހުން އެންމެ އެހީތެރިކަމެއްނެތް މީހާކަމުގައެވެ. އެހެނީ ދުނިޔެމަތީގައި މާތް ﷲ ހަނދުމަނެތިކޮށްލާ މީހުންގެމަތީން އެކަލާނގެ ޤިޔާމަތް ދުވަހުން ހަނދުމަނެތިކޮށްލައްވާނެއެވެ.

*********

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން