ޞާދިރު ޢަލީދީދީ   14 މާރިޗު 2023 - 10:29
ﷲ މަގުގުގައި ހޭދަކުރުން
ﷲ މަގުގުގައި ހޭދަކުރުން
އިންސާނާއަށް ލިބިފައިވާ ކޮންމެ އެއްޗަކީ މާތް ﷲ ގެ ދީލަތިވަންތަ ދެއްވުމެކެވެ. އަޅުގަނޑުމެންގެ ޙަޔާތާއި އަޅުގަނޑުމެންގެ މުދަލާ މިހުރިހާ އެއްޗެއްސަކީ އެކަލާނގެ ހިލޭދެއްވާފައިވާ ދެއްވުމެކެވެ. އެދެއްވުމަށް ޝުކުރުވެރިވުމަކީ އެކަލާނގެ އިންސާނާއަށް ދެއްވާފައިވާ ދެއްވުން އަނބުރައި އެކަލާނގެ ޙަޟުރަތަށް ބަރުތީލަކުރުމެވެ. އެކަމަށް އޮތްމަގަކީ ﷲ ގެ މަގުގައި މުދާ ހޭދަކުރުމެވެ.

ދުނިޔޭގައި މީހަކަށް މުދަލާއި ފައިސާ ހޯދެނީ އޭނާ މަސައްކަތްކުރުމަށް މާތް ﷲ އޭނާއަށް ހަތަރެސްފައި ދެއްވީތީއެވެ. އޭނާ ތަންތަން ބަލައި ވާހަކަދައްކައިހެދުމަށް ލޮލާއި ދޫ ދެއްވީތީއެވެ. އޭނާ ވިސްނައި މަޝްރޫޢުތައް ރޭވުމަށްޓަކައި ސިކުނޑިދެއްވީތީއެވެ. ހަމައެއާއެކު އޭނާއަށް ފުރިހަމަޔަށް ތަބާ ކުރައްވައިފައިވާ ދުނިޔެއެއްގައި ލެއްވީތީ އެކަލާނގެ ދުނިޔޭގައި ލައްވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ އިންސާނާ އިޚްތިޔާރުކުރާ ކޮންމެ ގޮތަކަށް އެއްޗެއްގެ ބޭނުން ހިފޭގޮތަށެވެ. އެހެންނޫންނަމަ އޭނާއަށް ހަތަރެސްފަޔާއި ސިކުނޑި ދެއްވާފައި ވުމާއެކުވެސް އޭނާއަށް ދުނިޔެއިން އެއްވެސް ފައިދާއެއް ނުހޯދުނީހެވެ.

މިސާލެއްގެގޮތުން ދަންނަވާނަމަ، ގޮދަން އޮށެއް ބިމުގައި އިންދުމުން އެއިން ގަސްފަޅައި ހެދިބޮޑުވެ ކުރާއައުމެއްނެތި ހިލަކޮޅެކޭ އެއްގޮތަށް އޮންނަނަމަ އިންސާނާއަށް ބިމުން ގޮވާން ހޯދުމަކީ އެކަށޭނެ ކަމަކަށް ނުވީހެވެ. ފިޠުރަތުގެ ބާރުތައް މާތް ﷲ އެއްޗެއްގައި ލައްވާފައިވާ ބާރުތައް ފާޅުނުކޮށްފިނަމަ ކަރަންޓެއް ނުއުފެދުނީހެވެ. ފުރައިދުއްވާ ނުވަތަ އަރައިދުއްވާ އެއްވެސް އެއްޗެއް ޙަރަކާތެއް ނުކުރީހެވެ.

ކަން މިހެން ހުރުމާއެކު ދުނިޔެއިން އިންސާނާ ހޯދާ ކޮންމެ އެއްޗަކީ ނުވަތަ ލިބިގަންނަ ކޮންމެ ލިބިގަތުމަކީ ކަނޑައެޅިގެން މާތް ﷲ ގެ އިޙްސާންވަންތަކަމުގެ ނަތީޖާއެވެ. އެއިޙްސާންވަންތަކަމަށް އިޙްސާންތެރިގޮތުގައި ބަދަލުދިނުމަކީ އިންސާނާ އޭނާއަށް ލިބިފައިވާ ތަނަވަސްކަން އެކަލާނގެ މަގުގައި ހޭދަކުރުމެވެ. އެކަލާނގެ އަޅުންކުރެ ބަލިކަށި ނިކަމެތީންނަށް އެހީތެރިވެ މަދަދުކުރުމެވެ. އެކަލާނގެ ދެއްވާފައިވާ މުދާ އެކަލާނގެ އަންގަވާފައިވާ ކަންކަމަށް ޚަރަދުކުރުމެވެ.

މާތް ﷲ ގެ މަގުގައި ކުރާ ހޭދަ ވާންޖެހޭނީ ހަމައެކަނި އެކަލާނގެ ވަޖްހުފުޅަށްޓަކައި ކުރާ ހޭދައަކަށެވެ. ތިމާ މަޝްހޫރުވެ ތިމާގެ ޤަދަރު އުފުލުމުގެ ވަސީލަތެއްގެގޮތުން ކުރާ ހޭދައަކަށް ނޫނެވެ. މުދަލުގެ ޒަރީޢާއިން އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސު ދުނިޔޭގެ މުޞީބާތްތަކުން ސަލާމަތްކުރެވެއެވެ. ނަމަވެސް މާތް ﷲ ގެ މަގުގައި ހޭދަކުރެވޭ މުދަލަކީ ތިމާ އާޚިރަތުގެ މުޞީބާތްތަކުން ސަލާމަތްވުން އެދި ހޭދަކުރާ މުދަލެވެ.

*********

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން