ދުނިޔޭގައި އުޅޭއިރު އެކިކަހަލަ މީހުންނާއި ދިމާވެއެވެ
ދުނިޔޭގައި އުޅޭއިރު އެކިކަހަލަ މީހުންނާއި ދިމާވެއެވެ
ދުނިޔޭގައި އުޅޭއިރު އެކިކަހަލަ މީހުންނާއި ދިމާވެއެވެ. އަދި އެކުގައި އުޅުމަށް އުނދަގޫ މީހުންނާއިވެސް ދިމާވެފައިވާނެއެވެ. އަދި ލޯބިވާކަމަށްބުނެ ވަރަށް ލޯބިން އުޅުނު މީހުންނާއި ގާތްމީހެއްކަމަށް ހެދިގެން ކައިރީގައި އުޅުނު މީހުންނެވެ. މިފަދަ މީހުން ދިރިއުޅުމުން ހިނގައިދިޔުމުން މުޅި ދިރިއުޅުން ފަސޭހަވެގެންދާ ކަމުގެ އިހުސާސްކުރެވެއެވެ. އެހެންކަމުން މިބާވަތުގެ މީހުންނަށްޓަކައި ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ބޭކާރުވެ ނުދިއުމަށްޓަކައި މިފަދަ މީހުން ދެނެގަންނަންޖެހެއެވެ.

އެއްވެސް މީހަކު އަމިއްލަޔަށް އެމީހެއްގެ ހުންނަ އުނިކަންކަމެއް ހާމަކޮށެއް ނުދޭނެއެވެ. އެހެންކަމުން ދިރިއުޅުމަށް ގެއްލުންދެނިވި މިފަދަމީހުންގެ ފަރާތުން ރައްކާތެރިވެތިބުމަށް، ނަފްސާނީ އިލްމުވެރިޔާ މާކް ޓްރެވާސް ފޯބްސް މެގަޒިންގައި ހިއްސާކޮށްފައިވާ 3 ގޮތެއް މިލިޔުމުގައި ހިމަނާލާނަމެވެ.

އެހެންމީހުންގެ އިހުސާސްތަކަށް އިޙްތިރާމްކުރަން ނުދަންނަ މީހުންނަށް ތިމާގެ ވަގުތު ނުދިނުން:

އެހެން މީހުންގެ އިހުސާސްތައް ނުދަންނަ މީހުންނާއިއެކު ދިރިއުޅޭއިރު ތިމާ މީހާގެ އިހުސާސްތައް އޭނާއަށް ކިޔާދޭވަރަކަށް ތިމާއާއި އޭނާގެ ދެމެދުގެ ގުޅުން ހީނަރުވާހެން ހީވާނެއެވެ. ކިތަންމެ ވަރަކަށް މިގޮތަށް ކަންކަން ހިއްސާކޮށް ގުޅުން ބަދަހިކުރަން މަސައްކަތް ކުރިނަމަވެސް އެފަދަ މީހުން ގާތެއް ނުވާނެއެވެ. އަދި މިއާޚިލާފަށް އެމީހުން އަންނާނީ ރުޅިއެވެ. އަދި މާޑްރާމާ ބޮޑު މީހަކަށް ހަދާލައެވެ. މެހެންވެ، މިފަދަ މީހުންނާއި އެކު އުޅުމުން ނަފްސަށް އޮންނަ އިތުބާރާއި މުޖުތަމައުގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭގޮތްވެއެވެ. އަދި ތިމާގެ އިހުސާސްތަކަކީ މުހިންމު އެއްޗެއް ނޫންކަމަށް ވިސްނެއެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި އެހެންމީހުންގެ އިހުސާސްތަކާއި މެދު ފަރުވާކުޑަކޮށް އަޅާނުލަނީ ހަމައެކަނި ފިރިހެނުންނެވެ. ނަމަވެސް ރިލޭޝަންޝިޕް ތެރަޕީ ކިޔާ މަޖައްލާއެއްގައި ކުރެވިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުންގެ ތެރޭގައިވެސް މިކަހަލަ މީހުން އުޅެއެވެ. ފިރިހެންމީހާއަކީ ދެރަވެ ކަންކަމާ މާޔޫސްވެދާނެ މީހެއްކަމަށް އެފަދަ އަންހެނުން ނުދެކެއެވެ. އަދި ފިރިހެންމީހާގެ އިހުސާސްތަކުގެ ވާހަކަ ހިއްސާކުރުމުން އޭނާއާއި ދުރަށްދެވޭތޯ މިފަދަ އަންހެނުން މަސައްކަތް ކުރާނެއެވެ. އެހެންކަމުން ކޮންމެ ޖިންސެއްގެ މީހަކު ނަމަވެސް، ރަނގަޅު ދިރިއުޅުމެއް ބޭނުންނަމަ، އެކަކު އަނެކެއްގެ އިހުސާސްތައް ހިއްސާކޮށް، އެކަކު އަނެކެއްގެ އިހްސާސްތަކަށް އިޙްތިރާމް ކުރަން ދަންނަންވާނެއެވެ.

މާފަށް އެދުމުގެ ސިފަ ނެތްމީހުންނާއި ދުރުވުން:

ބައެއް މީހުންނަކީ، ބޯހަރުކަމުން ނުވަތަ ގޮތްދޫނުކުރުމަށް ވިޔަސް، ތިމާގެ ކުށް ގަބޫލުކުރަން ބޭނުންވާ ބައެއް ނޫނެވެ. ނަމަވެސް ހުރިހާ އެންމެނަށްވެސް ކުށް ކުރެވެއެވެ. އެހެންކަމުން، މާފަށް އެދުމަކީ ހުރިހާ ގުޅުންތަކެއްގައިވެސް މުހިންމުކަމެކެވެ. ކުދި ކުދި ކަންކަން ދިމާވުމުން މާފަށް އެދުމަކީ އަދި މާފު ގަބޫލުކުރުމަކީ އެކަކު އަނެކެއްގެ މެދުގައި އިޙްތިރާމް ލިބިގެންވާކަން އަންގައިދޭ ކަމެކެވެ.

ތިމާއަށް ކުޅަދާނަނުވާ ބޮޑެތި ކަންކަމުގައި މާފު ނުކުރުމަކީ މައްސަލައެއެ ނޫނެވެ. އެހެންނަމަވެސް، މާފަށް އެދުމުގެ އާދަނެތް މީހެއްނަމަ، އެއިން ދައްކައިދެނީ އަނެކާއާއި ދޭތެރޭ ކުރެވުނީ މާބޮޑު ކަމެއް ނޫންކަމަށް ދެކޭކަމެވެ. އަދި އަނެކާއަކީ އޭނާގެ ދިރިއުޅުމުގައި މާބޮޑު އަގެއް ހުރި މީހެއްކަންވެސް ޤަބޫލުނުކުރާކަމެވެ. މާފަށް އެދުމުގެ އާދަނެތް މީހަކާއި ދިމާވެއްޖެނަމަ، އަމިއްލަ ސިކުނޑިއާއި ހިތުގެ ހަމަޖެހުން ހޯދުމަށްޓަކައި މިފަދަ މީހުންނާއިއެކު ގާތް ގުޅުންތައް ނުބޭއްވުން ބުއްދިވެރިވާނެއެވެ.

މަޤާމު ހޯދުމަށް އުޅޭ މީހުންނާމެދު ހުށިޔާރުވުން:

ކޮންމެ މީހެއްގެ ޠަބީއަތުގައިވެސް ކޮންމެވެސް މިންވަރަކަށް އަމިއްލަ މީހާއަށް މޮޅެއް ލިބޭތޯ މަސައްކަތްކުރުމުގެ ވިސްނުންހުރެއެވެ. މިގޮތުން ކޮންމެ ގުޅުމެއްވެސް އުފެދެނީ ލޯތްބާއި ހިތްހަމަޖެހުމާއި އަޅާލުން ބޭނުންވާތީއެވެ. ނަމަވެސް ބައެއް މީހުން މިއަށްވުރެ އިތުރަށް ބޭނުންވެއެވެ. އަދި މީހަކާއި ގުޅުމެއް ބާއްވާނީ ލިބެން އޮތް މަންފާއަކަށްޓަކައެވެ. މިފަދަ މީހުން ދެކޭގޮތުގައި އެއްޗެއް ލިބިގަތުމަކާއި ނުލައި އެއްވެސް މީހަކު ގުޅުމެއް ނުބާއްވާނެއެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ދިނުމުގައި ތިމާ ގެއްލި ދެއެވެ. ނަތީޖާއަކީ ތިމާއަށް ތިމާގެ އަމިއްލަ ނަފުސް ވަކިކުރަން ނޭނގޭވަރަށް މީހާ ބަދަލުވުމެވެ. އަދި ނޭނގިހުއްޓާ ތިމާއަށް ލިބިފައިވި ނިއުމަތެއް ގެއްލޭ އިރަށް ކައިރީގައި އުޅުނު އެކުވެރިޔާވެސް ގެއްލުމެވެ. އެއީ ތިމާގެ ފައިދާ ނެގެން އޮތްދުވަހު ނަގައި އަނެއްކާވެސް އަނެއް މީހެއްގެ ދިރިއުޅުމަށް ދިޔުމަށެވެ.

މާކް ޓްރެވާސް ވިދާޅުވާހިތުގައި މިފަދަ މީހަކު ދިރިއުޅުމުގައި ހުރިނަމަ، އެންމެ ރަނގަޅު ގޮތަކީ ދެވަނަ ވިސްނުމަކަށް ދިއުމެވެ. އަދި އެއްފަޅިން ކުރިއަށް ގެންދާ ގުޅުމެއްގައި ތިމާ ވަރުބަލިވެ ހިތްމަރުވުމުގެ ކުރިން، ދެންވެސް ރަނގަޅު ދިރިއުޅުމެއް ބިނާކުރެވޭނެ ހިތްވަރު ހުއްޓައި ވަގުތު އިތުރަށް ބޭކާރު ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މީ

15-Mar-2023

ވ ރަގަނޅު ވާހަކައެއް



ޓްރެންޑިން