ޞާދިރު ޢަލީދީދީ   13 މާރިޗު 2023 - 11:47
އެއްބައިވަންތަކަމުގެ ބިންގަލަކީ ހިތްތިރިކަމެވެ.
އެއްބައިވަންތަކަމުގެ ބިންގަލަކީ ހިތްތިރިކަމެވެ.
އެއްބައިވަންތަކަމުގެ ބިންގަލަކީ ހިތްތިރިކަމެވެ.

ޢިލްމުވެރިޔަކު ވިދާޅުވެފައިވާގޮތުގައި އެއްބައިވަންތަކަމުގެ މުލަކީ ހިތްތިރިކަމެވެ. ކޮންމެ މީހަކުވެސް ތިމާއަށްވުރެ ރަނގަޅީ އަނެކަކުކަމުގައި ދެކޭންފަށައިފިނަމަ ދެބަސްވާނެ ޖާގައެއް ނުލިބޭނެއެވެ. އެހެނީ ދެބަސްވާންޖެހެނީ ކޮންމެ މީހަކަށްވެސް އަނެކަކަށްވުރެ ރަނގަޅީ ތިމާކަމުގައި ފެންނާތީއެވެ. ތިމާގެ ޒާތާއި ތިމާގެ ބަސް ކޮންމެ ގޮތަކުންވެސް ކުރިއަރުވަން އުޅެވޭތީއެވެ. މީހަކު ތިމާއީ އަނެކުންނަށްވުރެ ރަނގަޅުމީހަކު ކަމުގައި ދުށުން ހުއްޓާލައިފިނަމަ ދެބަސްވާންޖެހޭނީ ކޮންކަމަކާތޯއެވެ.

ގިނަބަޔަކު އެކުގައި އުޅެމުންގެންދާއިރު، ވަރަށް ގިނަ ފަހަރަށް އެކަކު އަނެކަކާ ޚިޔާލު ތަފާތުވެއެވެ. އެކަކު އަނެކެއްގެ މަޞްލަޙަތު ތަފާތުވެއެވެ. އެފަދަ ދަނޑިވަޅުގައި ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދެނީ ތިމާގެ މޮޅުކަމުގެ ޚިޔާލެވެ. އެންމެ ޙައްޤުކަން ބޮޑީ ތިމާއަށް ލިބުންކަމުގެ ޚިޔާލެވެ. އެންމެ ފުރަތަމަ ރައްކާތެރިކުރާންވާނީ ތިމާގެ މަޞްލަޙަތުކަމުގެ ޚިޔާލެވެ. މިޚިޔާލުތައް ތިމާއަކީ އަނެކެއްގެ ވާދަވެރިޔަކަށް ހަދައެވެ. މިގޮތުން ދޭދޭމީހުންގެ ދެމެދުގައި ދެކޮޅުވެރިކަން ފެށެއެވެ. މިއާޚިލާފަށް މީހަކު ހިތްތިރިކަން އިޚްތިޔާރުކޮށް ތިމާގެ ޚިޔާލާއި ތިމާގެ މަޞްލަޙަތަށް އިސްކަންދިނުމުގެ ބަދަލުގައި ތިމާގެގޮތާއި ތިމާގެ މަޞްލަޙަތަށް ދެވަނަ ދަރަޖަދޭން ރުހިއްޖެނަމަ ދެބަސްވުންތައް އަމިއްލައަށް ނެތިގެން ހިނގައިދާނެއެވެ. އޭރަކުން މުޖްތަމަޢުގައި އެއްބައިވަންތަކަން ފިޔަވައި އެހެންކަމެއް ނޯންނާނެއެވެ. އެއްބައިވަންތަކަމަކީ ޚިޔާލުތަފާތުވުމާއެކުވެސް އެކުވެރިކަމުގައި އުޅުމެވެ. ޚިޔާލު ތަފާތުވުމެއްނެތި އެކުގައި އުޅުމެއްނޫނެވެ.

އިންސާނުންގެމެދުގައި ޚިޔާލު ތަފާތުވުމެއް، ޝަކުވާ އުފެދުމެއްނެތި ދިއުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ޚިޔާލުތަފާތުވުމާއި ޝަކުވާ އުފެދުމަކީ ޠަބީޢީ ކަމެކެވެ. އެހެންކަމުން އެންމެންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓޭންއޮތީ އެންމެ ގޮތެކެވެ. އެއީ ޚިޔާލު ތަފާތުވިކަމުގައިވިޔަސް ހިތް ކިލަނބު ނުކުރުމެވެ. ޚިޔާލުގެ ތަފާތާއެކުވެސް އެންމެން އެކަތިގަނޑަކަށްވެގެން އުޅުމެވެ.

*********

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން