ޞާދިރު ޢަލީދީދީ   12 މާރިޗު 2023 - 11:53
ތެދުމަގަކީ ނުވަތަ ޙައްޤުގޮތަކީ މާތް ﷲ ކަނޑައަޅުއްވާ ގޮތެވެ
ތެދުމަގަކީ ނުވަތަ ޙައްޤުގޮތަކީ މާތް ﷲ ކަނޑައަޅުއްވާ ގޮތެވެ
އެއްނުކުތާއިން އަނެއް ނުކުތާއަށް ސީދާކޮށް ދަމައިލެވޭނީ އެންމެ ރޮނގެކެވެ. ހަމައެފަދައިން އަޅާއަށް އޭނާގެ ސާހިބުވަންތަ ރަސްކަލާނގެ ޙަޟްރަތަށް ވާޞިލުވެވޭ ސީދާ މަގުވެސްވާނީ އެންމެ މަގެކެވެ. މިދެންނެވި މަގަށް ކިޔާނަމަކީ ތެދުމަގެވެ. ނުވަތަ ޙައްޤުގޮތެވެ. މިހައިތަނުން އުފެދޭ ސުވާލަކީ ތެދުމަގަކީ ކޮބައިތޯއާއި އެމަގު ދަނެގަނެވޭނެ ގޮތަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.

އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން ތެދަކީ ނުވަތަ ޙައްޤަކީ އެކައްޗެއްކަމުގައި ވާފަދައިން ތެދުމައިދާނަށް ނުކުމެހުރީވެސް އެކަންޏެވެ. އެތާކު އެއްޗެހިތަކެއްގެތެރެއިން އެއްޗެއް ހޮވައިނެގުމުގެ ސުވާލު އުފެދޭނެ އެއްޗެހިތަކެއް ނެތެވެ. އެތާނގައި ހުރި އެންމެ އެއްޗެކެވެ. އެގަބޫލުކުރުން ނޫންގޮތެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތެވެ. މިދެންނެވި ތެދުމަގަކީ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުނގަންނައިދެެއްވި ގޮތެވެ. ޙައްޤުގޮތް ނުވަތަ ތެދުމަގު ހޯދުމަށް އިންސާނުންކުރާ މަސައްކަތަކީ އިޚްލާޞްތެރިވމަސައްކަތެއް ކަމުގައިވާނަމަ މާތް ﷲ އޭނާއަށް ތެދުމަގު ދައްކަވާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. މާތް ﷲ އޭނާއަށް އިންތިޚާބުކުރުމުގެ އިމްތިޙާނެއް ކުރިމައްޗެއް ނުކުރައްވާނެއެވެ.

ތެދުމަގަކީ ކޮބައިތޯ ނުވަތަ ޙައްޤުގޮތަކީ ކޮބައިތޯ ހޯދުމަށް ފަލްސަފާ މަސައްކަތް ކުރާތާ ފަސްހާހެއްހާ އަހަރުވެއްޖެއެވެ. ނަމަވެސް މިދެންނެވި ދިގު ހޯދުމަށްފަހު ފަލްސަފާއަށް ވާސިލުވެވުނު މަޤާމަކީ އެންމެ ފަހުގެ ޙަޤީޤަތާ ހަމަޔަށް ވާސިލުނުވެވުނުކަމަށާއި ވާސިލު ނުވެސްވެވޭނެ ކަމަށް އިޢުތިރާފްވުމުގެ މަޤާމެވެ. ތެދާހަމަޔަށް ނުވަތަ ޙައްޤުގޮތާހަމަޔަށް ވާސިލުވުމަށްޓަކައި ފަލްސަފާ މަސައްކަތްކުރަނީ ވިސްނުމާއި ފިކުރުގެ ޒަރީޢާއިންނެވެ. ނަމަވެސް ބުއްދި ވިސްނައި ފިކުރުކުރުމުގައި މަޝްޢޫލުވަނީ އޭގެ މަޢުލޫމާތުގެ ދާއިރާގައެވެ. ޙައްޤުގޮތް ނުވަތަ ތެދުމަގަކީ އެއާއިމެދު ރައުޔެއް ޤާއިމުކުރުމަށްޓަކައި މުޅިކާއިނާތުގެ ޢިލްމަށް ބޭނުންވާ އެއްޗެކެވެ. މިގޮތަށް ބަލާއިރު ޙައްޤުގޮތާމެދު ކަނޑައެޅިގެންހުރި ރައުޔެއް ޤާއިމްކުރެވޭވަރަކަށް އެއްވެސް ފިލޯސަފަރަކަށް ކާއިނާތުގެ މަޢުލޫމާތުގެ ދާއިރާއަކަށް ނުވަދެވެއެވެ.

ސައިންސް މިރޮނގުން މައިދާނަކަށް ނުނިކުމެއެވެ. ސައިންސް އޭގެ ހޯދުންތަކުގެ ދާއިރާއެއްކަމުގައި ހަދައިފައިވަނީ ދެވަނަ ފަހަރަށްވެސް ތަކުރާރު ކުރެވިދާނެ ކަހަލަ ތަޖުރިބާތަކުގެ ޒަރީޢާއިން ނަތީޖާއަކާ ހަމަޔަށް ވާސިލުވެވުން އެކަށީގެންވާ ކަންތައްތަކުގެ ދާއިރާއެވެ. ސައިންސް މަލުގެ ކެމިސްޓްރީވަނީ އޭގެ ބަޙުޘްގެ މަޢުޟޫއަކަށް ހަދާފައެވެ. ނަމަވެސް މަލުގެ ވަހަކީ ސައިންސް އޭގެ ބަޙުޘްގެ ދާއިރާއިން ބޭރުކޮށްފައިވާ އެއްޗެކެވެ. ސަބަބަކީ މަލުގައި ހިމެނޭ ކެމިކަލް ބައިތަކަކީ މިނެކިރައި ހެދިދާނެ އެއްޗެއްކަމުގައިވިޔަސް މަލުގެ ވަސް މިނެކިރޭނެ އެއްވެސް ވަސީލަތެއް ސައިންސަށް ހޯދިފައިނުވާތީއެވެ. އާދެ، މިގޮތުން ސައިންސްވަނީ އޭގެ ބަޙުޘްގެ ދާއިރާ އަމިއްލައަށް އިންތަކަކަށް ފައްތައިފައެވެ.

" ރޫޙާނީ ޝަޚްޞިއްޔަތައް " ނުވަތަ އެބައި މީހުންގެ ބަސް ގަބޫލުކުރާ މީހުން ކަށަވަރު ކުރާ ގޮތުގައި ޙަޤީޤަތަކީ ކޮބައިކަން ނުވަތަ ޙައްޤުގޮތަކީ ކޮބައިކަން ރޫޙާނީ މީހުން ދަނެއެވެ. އެބައިމީހުންނަށް ޙައްޤުގޮތާމެދު ކަނޑައެޅިގެންހުރި ރަނގަޅު މަޢުލޫމާތު ދެވިދާނެއެވެ. ނަމަވެސް އެބައިމީހުންގެ މިޢަޤީދާއަކީ އެއްވެސް ބިންގަލެއް އޮތް ޢަޤީދާއެއް ނޫނެވެ. "ރޫޙާނީ މީހުން" ބުނާގޮތުގައި އެބައިމީހުން ޙައްޤުގޮތާ ހަމަޔަށް ވާޞިލުކޮށްދިނީ "ރޫޙާނީ ކަސްރަތު" ތަކެކެވެ. ނަމަވެސް އެބައިމީހުން އެސިފަކުރާ ރޫޙާނީ ކަސްރަތުތަކަކީ ޙަޤީޤަތުގައި ޖިސްމާނީ ކަސްރަތުތަކެކެވެ. އެހެންކަމުން ޖިސްމާނީ ކަސްރަތުތަކުގެ ތެރެއިން ރޫޙާނީ ކަމެއް ހޯދައިގަނެވުމަކީ އޭގެޒާތަށް ބަލާއިރުވެސް އަޞްލެއް އޮތް ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ބަލާއިރު ރޫޙާނީ މީހުންނަކީ އެބައިމިހުންގެ އަމިއްލަ ޒާތުގައިވެސް އެހެނިހެން އިންސާނުން ހިފެހެއްޓިފައިވާ އިމުގެތެރެއިން މިނިވަންވެފައިވާ ބައެއް ނޫނެވެ. އެބައިމީހުންނަކީވެސް އެހެނިހެން އިންސާނުންފަދަ ނުކުޅެދޭ، ނުފޯރާ ބައެކެވެ. އެހެނިހެން އިންސާނުނަށް އެބައިމިހުންގެ ދާއިރާގެ ހަނިކަމުގެސަބަބުން އަމިއްލަޔަށް ޙައްޤުގޮތާ ހަމައަށް ވާޞިލުނުވެވޭނޭ ފަދައިން ހަމަ އެސަބަބުތައްވަނީ "ރޫޙާނީ މީހުން" ގެ މަގަށްވެސް ހުރަސްއަޅައިފައެވެ. އެއްވެސް ބާވަތެއްގެ "ކަސްރަތަކީ" އިންސާނާ އޭނާގެ ފިޠުރީ އިމުގެ ތެރެއިން ބޭރަށް ނެރެ މަތިވެރި މަޤާމަކަށް އުފުލައިދޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ ކަސްރަތަކަށް އޭނާ ޙައްޤުގޮތާ ހަމަޔަށް ވާޞިލުކޮށެއް ނުދެވޭނެއެވެ.

މިހައިތަނުން މައިދާނުގައި ތިއްބެވީ ހަނައެކަނި ނަބީބޭކަލުންނެވެ. ނަބީބޭކަލުންނަކީ މާތް ﷲ އެބޭކަލުން ޚިޔާރުކުރައްވާފައިވާ ކަމަށާއި ޙައްޤުގޮތަކީ ކޮބައިކަން އެނގޭ ޢިލްމު އެބޭކަލުންގެ މައްޗަށް ބާވައިލައްވައިފައިވާކަމުގައި ދަޢުވާކުރައްވާ ބޭކަލުންނެވެ. އެބޭކަލުންނަށް އެޢިލްމުދެއްވީ އެހެނިހެން އިންސާނުންނާ ހަމަޔަށް ރައްދުކުރެއްވުމަށްކަމުގައި ވިދާޅުވާ ބޭކަލުންނެވެ. މިއީ މިދަޢުވާގެ ޒާތަށްބަލާއިރު އިތުބާރުކުރެވޭފަދަ ދަޢުވާއެކެވެ. އެހެނީ ޙައްޤުގޮތަކީ ކޮބައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. އެކަލާނގެއީ އަޒަލުއްސުރެ ވޮޑިގެންވާ އަބަދަށް ދެމިވޮޑިގެންވާ ކަލާނގެއެވެ. ހުރިހާ ޙަޤީޤަތްތަކެއް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާގެ ކައުވަންތަކަމަކީ އެކަލާނގެ ހުރިހާކަމެއްގެ ޙަޤީޤަތާއި ޙައްޤުގޮތް މޮޅަށް ދެނެވޮޑިގެންވާކަން ސާބިތުކޮށްދޭ ދަލީލެކެވެ. އެހެންކަމުން ސީދާ އެކަލާނގެ ޙަޟްރަތުން ޙައްޤުގޮތުގެ ޢިލްމު ތިމާއަށް ބާވައިލެއްވޭކަމުގެ ދަޢުވާކުރާ ފަރާތެއްގެ ދަޢުވާއަކީ އެއަށް ސަމާލުކަންދިނުން އެކަށީގެންވާ ދަޢުވާއެކެވެ.

ދެން އަނެއްކާވެސް އުފެދުނީ ސުވާލެކެވެ. އާދެ، އަޅުގަނޑުމެންގެ ދުނިޔެއަށް ވަޑައިގެންފައިވަނީ އެންމެ ނަބީބޭކަލެއް ނޫނެވެ. އެތަކެއް ނަބީބޭކަލުން ފޮނުއްވާފައިވެއެވެ. އެބޭކަލުންނަށް އެތަކެއް ޞުޙުފުތަކަކާއި ފޮތްތަލެއް ބާވައިލައްވައިފައިވެއެވެ. އެހެންވީއިރު މިއަދު އަޅުގަނޑުމެން ގަބޫލުކުރާންވީ ކޮންބޭކަލެއްގެ ބަސްފުޅެއްބާވައެވެ؟ މިސުވާލެވެ. އިންސާނާ ޙައްޤުހޯދުމަށް ކުރާ މަސައްކަތަކީ އިޚްލާޞްތެރި މަސައްކަތެއްކަމުގައިވާނަމަ މިސުވާލުގެ ޖަވާބު ހޯދުމަކީވެސް އުނދަގޫ ކަމެެއް ނޫނެވެ.

ޝައްކެއްނެތެވެ. މާޟީވެދިޔަ ޒަމާންތަކުގައި މާތް ﷲ ވަނީ އެތަކެއް ނަބީބޭކަލުން ފޮނުއްވައިފައެވެ. މިއަދު އިންސާނާގެ ކުރިމަތީގައި މާޟީގެ ޙާދިޘާއެއް ގަބޫލުކުރުމަށްޓަކައި އޮތްހައިވެސް މިންގަނޑަކީ އެޙާދިޘާއަކަށް ތާރީޚީގޮތުން އިތުބާރު ލިބިގެންވުމެވެ. މިގޮތުންބަލާއިރު އެންމެ ނަބީބޭކަލަކު ފިޔަވައި އެހެންބޭކަލުންނެއް އިސްވެދެންނެވި ތާރީޚީ މިންގަނޑަކަށް ނުފެތެއެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ތާރީޚީގޮތުން ފުރިހަމައަށް ސާބިތުވާ ނަބީބޭކަލަކަށް ހުންނެވީ އެންމެ ބޭކަލެކެވެ. ދެންތިއްބެވީ އަޅުގަނޑުމެން ޢަޤީދީގޮތުން ގަބޫލުކުރާންޖެހޭ ނަބީބޭކަލުންނެވެ. މިދެންނެވި ތާރީޚީ ނަބީބޭކަލަކީ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅާބެހޭ ހަމަ ކޮންމެކަމަކީވެސް ތާރީޚީގޮތުން ސާބިތުވެފައިވާ ކަންކަމެވެ. ތާރީޚީގޮތުން ގަބޫލުކުރެވިފައިވާ ކަންކަމެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ދިރިދުނިޔޭގައިހުރި މީހަކާމެދު އަޅުގަނޑުމެންނަށް ފިލާންހުރި ކަންތައްތަކަށްވުރެ މާގިނަ ކަންތައްތައް މާފުރިހަމަޔަށް ޢަރަބީންގެ ނަބީޔާއާ ބެހޭގޮތުން ސާބިތުކުރެވޭން އެބަހުއްޓެވެ. އެކަލޭގެފާނު ފިޔަވައި އެހެނިހެން ނަބީބޭކަލުންވަނީ ރިވާޔަތްތަކުގެ ފުސްކަމުގެ ތެރޭގައެވެ. އެބޭކަލުންނާމެދު ތާރީޚީ ފުރިހަމަ މަޢުލޫމާތުތަކެއް ލިބޭކަށެއްނެތެވެ. އެބޭކަލުންނަށް ބާވައިލެއްވުނު ފޮތްތަކެއްވެސް އޭގެ އަޞްލުގޮތުގައި ރައްކާތެރި ކުރެވިފައެއްނެތެވެ. މިއާޚިލާފަށް މުޙަންމަދުގެފާނުގެ ޙަޔާތްޕުޅު ތާރީޚީގޮތުން ސާބިތުވާން އެބައޮތެވެ. އެކަލޭގެފާނު ގެންނެވި ފޮތުގެ ފިއްޔަކަށްވެސް ބަދަލެއްނައިސް މިއަދުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތެވެ. މިއީ ތިމަންކަލޭގެފާނަށް ބާވައިލެއްވި ފޮތް ކަމުގައި ޙަދީޘްކުރައްވައި އެކަލޭގެފާނު އުންމަތަށް އެފޮތް ދޫކުރެއްވިއިރުވެސް އޮތްފަދައިންނެވެ.

ޙައްޤުގޮތަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބަކަށް ޢިލްމީގޮތުންނާއި ބުއްދީގެގޮތުން ބަލާއިރު ޙަޤީޤަތުގައި އޮތީ އެންމެ ޖަވާބެކެވެ. ހަމައެކަނި ނަޒަރީގޮތަކުން ނޫނެވެ. އަދި ކީއްތޯއެވެ. ޢަަމަލީގޮތުންވެސް މެއެވެ. މިކަމުގައި ޙަޤީޤީ ދެވަނަ ޖަވާބެއް ނެތެވެ. އަޅުގަނޑުމެންނަށް އެތަކެއް ޖަވާބުތަކެއްގެ ތެރެއިން ޖަވާބެއް ހޮވާކަށް ނުޖެހެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެސުވާލަށް އޮތް ހަމައެކަނި ޖަވާބު ގަބޫލުކުރުމެވެ.

ތެދުމަގަކީ ނުވަތަ ޙައްޤުގޮތަކީ މާތް ﷲ ކަނޑައަޅުއްވާ ގޮތެވެ. މާތް ﷲ ގެ ބަސްފުޅު އަބަދުވެސް އޮންނަނީ އެއްގޮތެއްގައެވެ. ދުނިޔޭގެ އެހެނިހެން އެއްޗެއްސާމެދު މާތް ﷲ ގެ ނިޔާފުޅު އަބަދުވެސް އެއްގޮތެއްގައި އޮންނަފަދައިން އިންސާނާއާމެދުވެސް މާތް ﷲ ކަނޑައަޅުއްވައިފައިވަނީ އެއްޙުކުމްފުޅެކެވެ. އަބަދަށްޓަކައި އެކަން އޮންނާނީ އެގޮތުގައެވެ. އުޑުތަކާއި ބިންތަކުގެ ޤާނޫނުތަކަށް އެތަކެއް ބިލިޔަން އަހަރުތަކެއް ފާއިތުވަމުން ދާއިރުވެސް އެއްވެސް ބަދަލެއް ނާދެއެވެ. ގަސްގަހާގެއްސާއި ފެނާމެދު އެއްޖިއޮގްރަފީއެއްގައި އޮންނަ އުޞޫލަށް އަނެއް ޖިއޮގްރަފީއެއްގައިވެސް ބަދަލެއް ނާދެއެވެ. އިންސާނާއާމެދު މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުކުމްފުޅާމެދުވެސް ކަންހުރީ މިފަދައިންނެވެ. މިއަދުވެސް މިކަން އޮތީ މީގެ އެތަކެއްހާސް އަހަރުކުރީންވެސް އެކަން އޮތްގޮތަށެވެ. އެއްޤައުމެއްގެ މީހުންނާމެދުވެސް އޮންނަނީ އަނެއްޤައުމެއްގެ މީހުންނާމެދުވެސް ކަނޑައަޅުއްވައިފައިވާ ގޮތެވެ.

ޙަޔާތުގެ ބައެއް ދާއިރާތަކަކީ ބަދަލުވަމުންދާ ދާއިރާތަކެކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އިންސާނާ އަރައިދުއްވާ ނުވަތަ ފުރައިދުއްވާ ތަކެއްޗާއި އޭނާގެ ގެދޮރާ މިފަދަ ކަންކަމެވެ. ނަމަވެސް ތެދުމަގު ނުވަތަ ޙައްޤުގޮތަކީ ބަދަލުވަމުންދާ އެއްޗެއް ނޫނެވެ. ޙައްޤުގޮތް ގުޅިފައިވަނީ އިންސާނާ އޭނާގެ ޚާލިޤަކު ކަމުގައްޔާއި ސާހިބަކުކަމުގައި ބަލާނެ ފަރާތަކާއެވެ. އޭނާ އެފަރާތެއްގެ ކުރިމަތީގައި ތިރިވެ އަޅުކަންކުރާނީ ކޮންފަރާތަކަށް ކަމާއެވެ. އޭނާ ބިރުވެތިވާންވީ ނުވަތަ ލޯބިވާންވީ ކޮންފަރާތަކަށްކަމާއެވެ. އިންސާނާ އޭނާގެ ކާމިޔާބީއާއި ނާކާމިޔާބީ މިންއަޅާނީ ކިހިނަކުންކަމާއެވެ. އޭނާގެ ޙަޔާތުގެ މަޤުޞަދަކީ އަދި ޖަޒުބާތުގެ މަރުކަޒަކީ ކޮބައިކަމާއެވެ. މީސްތަކުންގެތެރޭގައި އުޅޭއިރު އޭނާ މީހުންނާ މުޢާމަލާކުރާނީ ކޮންޤަވާޢިދަކުންކަމާއެވެ. ތެދުމަގު ނުވަތަ ޙައްޤުގޮތާ ގުޅިފައިވަނީ އިންސާނާގެ ޙަޔާތުގެ މިދެންނެވި ދާއިރާތަކާއެވެ. މިކަންކަމަކީ އެއްވެސް ޒަމާނަކާ ނުވަތަ އެއްވެސް ޖިއޮގްރަފީ ވެއްޓަކާ ގުޅުންހުރި ކަންކަމެއް ނޫނެވެ. ހަމަކޮންމެ ޒަމާނަކަށާއި ހަމަކޮންމެ ތަނަކަށް އެއްހަމަޔަކަށް އެއްގޮތަކަށް އެދެވޭ ކަންކަމެވެ.

މާތް ﷲ އީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމައެފަދައިން ޙައްޤުގޮތަކީ ނުވަތަ ތެދުމަގަކީވެސް އެއްމަގެކެވެ. އެއްގޮތެކެވެ. އެއަބަދުވެސް އޮންނާނީ އެއްގޮތެއްގައެވެ.

************

* މިލިޔުމަކީ ޢަބްދު ﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޢިލްމީ ފޮތެއްކަމުގައިވާ "ސީދާވެގެންވާ ތެދުމަގު" ގައިވާ ލިޔުމާއި އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން