މުދަލާ ޚިދުމަތުގެ އަގު މަތިވެ ދަށްވުމަކީ ސަރުކާރުން ކުރާކަމެއް ނޫން ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވައި ނަސީމް ވިދާޅުވީ މުދަލާ ޚިދުމަތުގެ އަގަށް އަންނަ ބަދަލުތަކަކީ އިގްތިސާދާއި ވިޔަފާރީގެ ސިޔާސަތުގެ ނަތީޖާއެއް ކަމަށެވެ. އަދި އެއީ ސަރުކާރަކުން ކުރާކަމެއް ނޫން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ތަކެތީގެ އަގަށް އަންނަ ބަދަލަކީ އިޤްތިޞާދީ ލޮޅުންތަކުގެ ނަތީޖާކަމަށް ވީނަމަވެސް އިންފްލޭޝަންގެ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ މާލީ ސިޔާސަތުގެ ބައެއް ކަމަށެވެ. އެހެންކަމުން ކޮންމެކަމެއް ސަރުކާރުގެ ބޮލަށް ޖެހުމުގެ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތް އިންފްލޭޝަންގެ އަސްލަކީ "ކޮސްޓްޕުޝް އިންފްލޭޝަން" ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުމަތިވެ، ދަތުރުފަތުރުގެ އަގު އުފުލި، ސަޕްލައި މަދުވުމުން މުދަލާ ޚިދްމަތުގެ އަގުތައް އުފުލޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

“ދައުލަތުގެ ސްޕެންޑިންގ މަތިވީމަވެސް ކުޑަކޮށް ޑިމާންޑް ޕުލްކުރާނެ އިންފްލޭޝަނަރީ ޕްރެޝަރ ހިފާނެ.. ކޮންމެކަމެއް މީހެއްގެ ބޮލަށް ނުކަނޑަމާ!” އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނަފާ ނަސީމް ވިދާޅުވިއެވެ.



ނަސީމް މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ދިވެހިންނަށް މިހާރު ދަސްވެފައި އޮތީ ހަކުރުދެންޏާ ބޮޑުބޭބެގެ އުސޫލު ކަމަށެވެ. އެގޮތުން އެމީހަކު ބޭނުންވާ ކަންތައް ނުކޮށްދޭހާ ހިނދަކު ރައީސާއި ސަރުކާރު ގޯސް ކަމަށާއި ކޮންމެ ގޮތަކުންވެސް ބޭނުންވާ ކަންތައް ޙާސިލުވާނަމަ ސަރުކާރާއި ރައީސް ރަނގަޅުކަމަށެވެ.

ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މިހާރު ވަނީ ކުރިއާއި އަޅާ ބަލާއިރު ހަތެއް އިންސައްތަ ބޮޑުވެފައެވެ. ނަމަވެސް ބައެއް ވަކިވަކި ބާވަތްތަކަށް ބަލާއިރު ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 50 އިންސައްތައަށް ވުރެ މައްޗަށް ބޮޑުވެފައި އެބަހުއްޓެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު މައްޗށް އުފުލުމާއި ދަތުރުފަތުރާއި އުފުލުމުގެ އަގުތައް މައްޗަށް ދިއުމާއި ޚިދުމަތުގެ އަގުތަކާއި ޓެކުހަށް އައި ބަދަލު ތަކުގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ހަމަ އަގު 17 އިން މަތީގައި ހިފެހެއްޓިފައި ހުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު