ބޭންކް އޮފް މޯލްޑިވިސް ބީއެމްއެލް ގައި ހުޅުވާފައިވާ މީހެއްގެ އެކައުންޓެއްގައި ހުރި 1 މިލިއަން ރުފިޔާގެ އެކައުންޓްގެ ވެރިފަރާތަށް ނޭގި އެކި މީހުންގެ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ވިޔަފާރިކޮށް ބޮޑު ސްކޭމެއް ހިންގައިފިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިސްކޭމް ހިންގިއިރު އެކައުންޓްގެ ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައެވެ. އެގޮތުން އެ ވިޔަފާރިވެރިޔާގެ އެކައުންޓްގައި ހުރި އެއްމިލިއަން ރުފިޔާގެ އެތައް ބައެއްގެ އެކައުންޓަށް ޓްރާންސްފަރކޮށް މާލޭގެ ގިނަ ފިހާރަތަކަކުން ވަނީ ވިޔަފާރިވެސް ކޮށްފައެވެ. އެގޮތުން 25000 ރ.އާއި އެ ނޫން ބޮޑެތި އަދަދުތަކުން ފައިސާ އެކި އެކައުންޓްތަކަށް ޓްރާންސްފަރކޮށްފައިވާ ކަމަށް "ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާގޮތުގައި މިމައްސަލަ އެކައުންޓުގެ ވެރިފަރާތުން މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން 1 މިލިއަން ރުފިޔާގެ ފައިސާއިން ފައިސާ ޖަމާވި އެކައުންޓެއްގެ ވެރިފަރާތުން ބުނީ، އޭނާގެ އެކައުންޓް ފްރީޒްކޮށްގެން ފުލުހަށް މައްސަލަ ހުށައެޅި ކަމަށެވެ. އެމައްސަލަ ހުށައެޅުމުން ފުލުހުންގެ އެދުމުގެ މަތިން ބޭންކަށް ގުޅުމުން އެކައުންޓް ފްރީޒްކުރީ މީހެއްގެ އެކައުންޓްގައި ހުރި 1 މިލިއަން ރުފިޔާއިން 25000 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާވުމުން ކަމަށް ބޭންކުން ބުނި ކަމަށް އެމީހާ ބުނެފައިވެއެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ރަސްއޮންލައިން" އަށް ކިޔައިދިންގޮތުގައި 1 މިލިއަން ރުފިޔާގެ މި ވައްކަމުގައި އެކައުންޓުގައި ހުރި ފައިސާ އިން މާލޭގެ ފިހާރަ އަކުން އެއް ދުވަހުގެ ތެރޭގައި 1 ލައްކަ ރުފިޔާގެ ވިޔަފާރި އީވޮލެޓުން ވަނީ ކޮށްފައެވެ. އެގޮތުން އެ ފައިސާއިން އެންމެ ފަހުގެ އައިފޯނުތަކާއި އެކި މުދާތައް ގަނެ މާލޭގެ ގިނަ ފިހާރަތަކުން ވިޔަފާރިކޮށްފައިވާ ކަމަށް އެކައުންޓްގެ ވެރިފަރާތާއި ގާތްގުޅުމެއް އޮންނަ އެމީހާ ބުންޏެެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވެފައެެއް ނުވެއެވެ.

ބޮޑެތި ސަލާމަތީ ފީޗާސްތަކާއެކު ބީއެމްއެލުން މިފަހުން ތައާރަފުކުރި އީ ވޮލެޓްގެ ކާޑުތައް ބޭނުންކޮށްގެން މިފަހަކަށް އައިސް ގިނަ ބައެއްގެ އެކައުންތައް "ދޮވެލަމުން" ގެންދާ މައްސަލަ ފެންމަތިވެ ފާޑުކިއުން އަމާޒުވުމުން ބީއެމްއެލުން މިއަދު ވަނީ އީވޮލެޓުގެ ކާޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ލިމިޓްކޮށްފައެވެ. އީވޮލެޓްގެ ވައްކަންތަކުގައި މާލޭގެ ވަކި ފިހާރަތަކަކުން ބޮޑެތި އަދަދު ތަކުން ވިޔަފާރިކޮށްފައި ހުރިކަން ބޭންކަން އެނގުނު ނަމަވެސް މިހާތަނަށް ވެސް އެފަދަ އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ އެފަދަ މީހެއްގެ މައުލޫމާތު އާންމުކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު