ފުލުހުންގެ ބަންދަށް ގެންދިޔަ މީހަކަށް އަނިޔާކޮށް، އޭނާގެ ގަޔަށް ހޫނުފެން އެޅި މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކުރި ފުލުހަކު، އަލުން ވަޒީފާ ހޯދުމަށާއި އިނާޔަތްތައް ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިމިއްޖެއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ރަނގަޅަށް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 18 އޮގަސްޓް 2021 ގައެވެ. ފުލުހުންގެ ބަންދަށް ގެނައި މީހަކު މާފައްނު ޕޮލިސް ސްޓޭޝަނުގައި ހުއްޓާ، އޭނާއަށް ލާއިންސާނީ އަނިޔާކޮށް، ގަޔަށް ހޫނުފެން އަޅާފައިވާކަން ފުލުހުންގެ އެތެރޭގެ ތަހުގީގުން ވަނީ ކަށަވަރުވެފައެވެ. މި މައްސަލައިގައި ވަޒީފާއިން ވަކިކުރި ފުލުހަކީ އޭރު ފުލުހުންގެ ސާޖަންޓެއްގެ މަގާމުގައި ހުރި މީހެކެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ބެލުމަށްފަހު ފުރަތަމަ ނިންމީ އޭނާގެ މަގާމު ބަދަލުކޮށް އަހުލާގީ ކުލަ އަތުލުމަށެވެ. ނަމަވެސް، އިސްތިއުނާފީ ކޮމިޓީން މައްސަލަ އަލުން ބަލައި ނިންމީ، ކުރި އަމަލުގެ ސީރިއަސްކަމަށް ބަލައި އޭނާ ވަޒީފާއިން ވަކިކުރުމަށެވެ. މި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޖުޑިޝަލް ރިވިއުއެއްގެ ގޮތުގައެވެ.

މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖުތަކުން އެނގޭ ގޮތުގައި، އަނިޔާ ލިބުނު މީހާ ސްޓޭޝަންގެ ރިސެޕްޝަން ކައިރީގައި އިންދާ ފުލުހަކު ގަދަކަމުން އޭނާ އެހެން ތަނަކަށް ގެންދިޔައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެހެން ފުލުހަކު ތިން ފަހަރެއްގެ މަތިން ތައްޓަކަށް ފެން އަޅައިގެން އެ ދިމާއަށް ދިޔަ މަންޒަރު ފެނެއެވެ. އަދި ހަތަރު މިނެޓު ފަހުން އެ މީހާ ފެނުނުއިރު، އޭނާ ހުރީ މުޅިން ތެމި، ކަނދުމާރަތި ފިހިފައެވެ. ވަޒީފާއިން ވަކިކުރި ސާޖަންޓް އެވަގުތު އެތަނުގައި ހުރެ، ކަން ހިނގި ގޮތް ނުފެންނަ ކަމަށް ބުނެ އިތުރުފުޅު ހަދާފައިވާކަން ވެސް ވީޑީއޯއިން ސާފުވާ ކަމަށް ކޯޓު ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށްވާތީ، އޭނާ އެދުނު ގޮތަށް ވަޒީފާ އާއި މާލީ ބަދަލު ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު