މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)
މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް "ރޯމާ ދުވާލު" އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށާއި، އެ ހައްދަވާ ދޮގުތަކުން ސަލާމަތް ނުވެވުމުން "މިހާރު ވިސްނިއްޖެ" ކަމަށް ވިދާޅުވެ ކަންކަން އޮޅުވާލައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަށެވެ. އަދި ކަނޑައެޅިގެން ދޮގު ހެއްދެވުމަށްފަހު، ރައްޔިތުންގެ ފިއްތުންތަކާ ކުރިމަތިވުމުން އެއީ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރި ކަމެއްގެ ގޮތުގައި ދެއްކެވުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ކަނޑައެޅިގެން ރޯމާ ދުވާލު ދޮގު ހަދަމުން އެދޮގުން ސަލާމަތް ނުވެގެން، ސަލާމަތް ނުވީމައި މިބުނަނީ މިހާރު ތިމަންނާއަށް ވިސްނިއްޖެ އަލުން ރަނގަޅު ކުރީއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ޑިމާންޑް ކުރީމަ ބަދަލުކުރީއޭ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށްފަހު، އަނެއްކާވެސް އާމްދަނީ ހޯދުމުގެ ބޭނުމުގައި އޭގެ އަގު ހެޔޮވާނެ ގޮތަށް އަމަލުކުރުމަކީ މި ސަރުކާރުގެ ރޭވުންތެރިކަން ހުރި ގޮތް ކަމަށެވެ. އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދުންފަތާ ދެކޮޅަށް "ޖިހާދު" ކުރަން ގޮވާލެއްވިއިރު، ސަރުކާރުގެ އަމަލުތައް ހުރީ އާމްދަނީ ހޯދަންވެގެން ދުންފަތަށް މަގުފަހިވާ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މައުރޫފް ވަނީ، އާމްދަނީ ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް ކޮންމެފަދަ ގެއްލުމެއް ލިބޭނެ ކަމެއްވެސް މި ސަރުކާރުން ކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ރައީސް މުޢިއްޒު ހިތުހުރި ގޮތަކަށް ކަންތައް ނުކުރެއްވުމަށާއި، ދައްކަވާ ވާހަކަފުޅުތަކުގައި އިޚްލާޞްތެރިކަން އިސްކުރުމަށްވެސް މައުރޫފް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު