މިފްކޯ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއަކީ 23 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައި ވަނީ ރައިނެކް އިންޑިއާ ލިމިޓެޑުންނެވެ.

މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުން ފޯރުކޮށްދޭ ފައިނޭންސްއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވެސްވާނެއެވެ. އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެއެވެ. މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހަދާނެއެވެ.

މިފްކޯއިން ބުނީ ފެލިވަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމްކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް އަންނަމަހު ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މިފްކޯއިން ބުނީ ފެލިވަރުގެ އަޕްގްރޭޑިން މަސައްކަތް ކުރިއަށް ދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ ފިޔަވަހީގައި މިހިމެނީ ކޯލްޑް ސްޓޯރާއި ބްރައިން ފްރީޒިންގ ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ. އަދި ފުރަތަމަ ފޔަވަހީގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް މޮބިލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޤާއިމްކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތާއި އަދިވެސް އެހެނިހެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ 23 މިލިއަން ޑޮލަރު ނުވަތަ 353 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު