ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ތަންފީޒުކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ބައެއް ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދުގައި ބަޔާންކުރާގޮތުގެ މަތިން، ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.



މިގޮތުން މިހާރު އަމަލުކުރެވެމުންދާ ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ތަންފީޒް ކުރުމުގެގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ބައެއް ހިދުމަތްތައް 2023 ފެބްރުއަރީ 26 ވަނަ ދުވަހުން 2023 މާރިޗު 11 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް، އެ މުއްދަތުގައި "ވަރކް ޕަރމިޓް ފީ" ގެ ޚިދުމަތާއި "ވަރކް ޕަރމިޓް ޕާސްޕޯޓް އެޑް" ގެ ޚިދުމަތް އެކްސްޕެޓް ސިސްޓަމް މެދުވަރިކޮށް ވަޒީފާ ދޭ ފަރާތްތަކަށް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްްޓްރީން ބުނީ އެކްސްޕެޓް ސިސްޓަމްއަށް ގެނެވޭ ބަދަލުތަކާއެކު، ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހުރިހާ ޙިދުމަތްތަކެއް 2023 މާރިޗު 12 ވަނަ ދުވަހުން ފެށިގެން ވަޒީފާ ދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އަލުން ލިބިގެންދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު