ހެއްކާބެހޭ ޤާނޫނަކީ ޒަމާނަށް ފެތޭ، ފުރިހަމަ ޤާނޫނެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނު މަޖިލީހުން ފާސްކުރެއްވިއިރު ބައެއް ބަދަލުތައް ގެންނަވާފައިވީ ނަމަވެސް ޤާނޫނު ފާސްވެފައިވުމަކީ ކުރިއެރުމެއް ކަމަށެވެ.

ހަމައެއާއެކު ޤާނޫނަށް ޢަމަލުކުރަމުންދާއިރު ގޮންޖެހުންތައް ދިމާވާނެ ކަމަށާއި އެކަންކަމަށް ރިޢާޔަތްކޮށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއަންނަ ބުދަ ދުވަހު ޢަމަލުކުރުމަށް ފަށާ ހެއްކާބެހޭ ޤާނޫނަކީ ޖުމްލަކޮށް ބަލާއިރު ޒަމާނަށް ފެތޭ، ތަފްޞީލު އުޞޫލުތައް ހިމެނޭ، ފުރިހަމަ ޤާނޫނެއްކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

މިހާރުވެސް ހައެއްކަ ޤާނޫނީ ވަކީލުން، ހެއްކާބެހޭ ޤާނޫނަށް އަހުލުވެރިވެ، މިޤާނޫނު ފުރިހަމައަށް ދިރާސާކޮށް، ދިވެހިރާއްޖެއާއި، ރާއްޖެއިން ބޭރުގެ ކޭސްތަކުގައި މިޤާނޫނުގައި ހުރި އުޞޫލުތައް ތަޠުބީޤު ކޮށްފައިވާ ގޮތް ދަސްކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި އިތުރުފަރާތްތައްވެސް ޤާނޫނަށް އަހުލުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން