ރޭގެ މެޗުގައި ރޮނާލްޑޯގެ އަތުން ބޯޅަ އަތުލުމަށް ބޮލޯނިއާގެ ކުޅުންތެރިން މަސައްކަތް ކުރަނީ
ރޭގެ މެޗުގައި ރޮނާލްޑޯގެ އަތުން ބޯޅަ އަތުލުމަށް ބޮލޯނިއާގެ ކުޅުންތެރިން މަސައްކަތް ކުރަނީ
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ، މިދިޔަ ބުދަ ދުވަހު އިޓާލިއަން ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނަޕޯލީ އަތުން ބަލިވުމުގެ މާޔޫސްކަން ޔުވެންޓަސް ފިލުވާލައިފިއެވެ.

ރަށުން ބޭރުގައި ރޭ ބޮލޯނިއާއާ ވާދަކޮށް ޔުވެންޓަސް އިން މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ، ޔުވެންޓަސްގެ މަތިއެސް ޑިލިޓް އަށް ބޮލޯނިއާގެ ސްޓެފާނޯ ޑެންސްވިލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 22 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަން ނިމުނުއިރު ލީގުގައި ރޮނާލްޑޯ އަށް ޖެހުނީ 21 ގޯލެވެ.

ޔުވެންޓަސް އިން މޮޅަށް ކުޅުނު މި މެޗުގައި، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. މި މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ޑިފެންޑަރު ޑެނީލޯ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ޔުވެންޓަސް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މޮޅާއެކު ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަސް އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. ލީގުގެ ތިން ވަނައިގައި އޮތީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް 26 މެޗުން 57 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އަށް 26 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުވެންޓަސްގެ ފަހަތުން ވިއްދާފައިވާ ލާޒިއޯ އިން ލީގުގައި ބުދަ ދުވަހު ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން