އަހުމަދު މަސްނޫމް   27 ނޮވެމްބަރު 2022 - 11:18
ދައުލަތުގެ ހަރަދަށް މި އަހަރުގެ މިހާތަނަށް 32 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23 ބިލިއަން ރުފިޔާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ފިނޭންްސް މިނިސްޓްރީން އިއްޔެ އާއްމުކުރި ދައުލަތުގެ މާލީ ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 23.6 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 16.9 ބިލިއަން ޑޮލަރާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 6.5 ބިލިއަން ޑޮލަރާއި އެހީގެ ގޮތުގައި ލިބފައިވާ 322 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ދައުލަތުގެ ހަރަދުތަކަށް 32.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 23.6 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދަށް 23.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެތެރެއިން 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރާއާއި އިނާޔަތްތަކަށެވެ. އަދި އިދާރީ ހިންގުމަށް 14.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ތަރައްޤީގެ މަސައްކަތްތަކަށް މި ވޭތުވެދިޔަ މުއްދަތުގައި ހަރަދުކޮށްފައިވަނީ 8.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ތަރައްޤީއަށް ހަރަދުކުރި 7.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ކޯވިޑަށްފަހު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާއިރު، ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށްވެސް ނިންމާފައެވެ. ޓެކްސް ބޮޑުކުރުމުން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު