ގެވެށި އަނިޔާއާއި އަނިޔާވެރި ދިރިއުޅުމެއްގައި ދަރިން އުޅޭނަމަ އެފަދަ ދިރިއުޅުމަކުން އެދަރިން ސަލާމަތްކުރުމަށް މައިންބަފައިން މަސައްކަތް ކުރަންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިމޭރުމުން ވިދާޅުވީ ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި "އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް" މި މައުޟޫއަށް ތަޤުރީރު ކުރަށްވަމުންނެވެ.

މި ތަޤުރީރުގައި މުފްތީ މެންކް ވިދާޅުވީ، މާތް ﷲ އިންސާނާއަށް އަންގަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއިއެކު ގާތްތިމާގެ މީހުންނަށް އަޅާލާ ހެޔޮކޮށް ހިތުމަށްކަމަށެވެ. އަދި ހަޤީޤީ ލޯތްބަކީ އެތައް ކަމެއް ޤުރުބާން ކޮށްފައިވެސް އެމީހުންނާއިއެކު އޮންނަ ގުޅުން ބަދަހިކޮށް އެކީގައި އުޅުންކަމަށް މެންކް ވިދާޅުވިއެވެ. ލޯތްބަކީ އެކަކު އަނެކަކަށް ބެހެއްޓޭ ގާތްކަމާއި ކުލުނަށްވާއިރު ހަމަ އެ ލޯތްބަކީ ވޭނަކަށްވެސް ބައެއްފަހަރު ވާކަމުގައި މެންކް ވިދާޅުވިއެވެ.

އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތަށް ބައްލަވަމުން މުފްތީ މެންކް ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިޢުލާންކޮށް، އާއިލާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށެވެ. ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކުކަމަށް ވިދާޅުވިއެވެ. އެއީ ގާތްތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއްނަމަވެސް އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމްކަނޑައަޅަން އެދިވަޑައިގެންނެވިއެވެ.

ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާއާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫންކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެކަމަށް މެންކް ވިދާޅުވިއެވެ. ދެމަފިރިންގެ ދެމެދުގައި އެ މައްސަލައެއް ހައްލުނުކުރެވޭފަދަ ހާލަތަކަށް ހިނގައްޖެނަމަ އާއިލާގެ މަޝްވަރާހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭކަމަށް މެންކް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއްވެސްކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށިއަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭ" މެންކް ވިދާޅުވެފައިވެއެވެ.

މެންކް ވިދާޅުވީ ޚާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ޚުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭކަމަށެވެ. އެއީ އަނިޔާއަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއްކަމަށް ނުވާތީކަމަށް މެންކް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ހުޅުމާލޭގައި ރޭ ބާއްވާފައިވަނީ މުފްތީ މެންކްގެ އެންމެ ފަހު ދަރުހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން