އަންނަ އަހަރަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ އަހަރަކަށް ވެދާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އދގެ ވޯލްޑް ފުޑް ސެކިއުރިޓީ، ކޮމިޓީގެ 50 ވަނަ ޕްރިލިމިނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ނުރައްކަލަށް ހުށަހެޅި، ޖީލަކަށް ފަހު ޖީލެއްގައި ދިރިއުޅުމުގެ އެންމެ ބޮޑު ޚަރަދެއް ކުރަންޖެހިފައިވާ ކާރިސާއެއް ކުރިމަތިވެފައިވާކަމަށެވެ. އަދި މި ކާރިސާއިން އަރައިގަތުމަށް ދާއިމީ ޙައްލުތަކަށް ރިޢާޔަތްކޮށް، އިސްނެގުން އިތުރުކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކުރު މުއްދަތުގައި އަގުތައް ހަމައަކަށް އަޅުވައި، ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް. ދިގު މުއްދަތުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ، ދަނޑުވެރިކަމުގެ އާދަކާދަތަކާއި، ކާބޯތަކެތީގެ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކޮށް، ވަރުގަދަކޮށް، ދެމެހެއްޓެނިވި، ގިނަބައެއްގެ ބައިވެރިވުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކާބޯތަކެތީގެ މައްސަލާގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ޤަބޫލު ކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކޮށް، "ޓައިމް ޓު އެކްޓް ޓު ގެދަރ: ކޯޑިނޭޓިންގ ޕޮލިސީ ރެސްޕޮންސެސް ޓު ދަ ގްލޯބަލް ފުޑް ކްރައިސިސް" ގެ ނަމުގައި، 18 ޖުލައިގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވިކަން ފާހަގަކުރެއްވިއެވެ. އަދި މި ޙަރަކާތުގެ ސަބަބުން، މެންބަރު ޤައުމުތަކާއި، މަދަނީ ޖަމާޢަތްތަކާއި، ޕްރައިވެޓް ސެކްޓަރާއި، ކަމާބެހޭ އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ޢަމަލުކުރާނެ ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިވެގެންދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ސެޝަންގައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް އިންޓަރގްރޭޓެޑް އެޕްރޯޗެއް އެކުލަވާލާނެ މައިގަނޑު ބައިތަކާ މެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ހާމަވެގެންދިޔަ." ޝާހިދު ވިދާުޅުވިއެވެ.







ޝާހިދު ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަން ކުރިއަރުވައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އާއިލީ ވިޔަފާރިތަކާއި، ބޮޑެތި ވިޔަފާރިތަކަށް އެހީތެރިވެދީ، އެ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށެވެ. އަދި ގަސްކާނާ ފަދަ ތަކެތި ފަސޭހައިން ލިބޭނޭ ގޮތް ހަދައި، އަލުން އެތަކެތި އިއާދަކުރެވޭނެ ގޮތް އީޖާދުކޮށް، އަގުހެޔޮ ގޮތްތައް އަލުން ހޯދައި؛ އާ ސްޓްރެޓެޖީތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފުޑް ސެކިއުރިޓީއާ ބެހޭ ހައި-އެލް އީވެލް ސްޕެޝަލް އިވެންޓް ބޭއްވި ފަހުން، މި ކާރިސާއިން އަރައިގަތުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ބްލެކް ސީ އިނީޝިއޭޓިވްކަމަށެވެ. އަދި އެކަން އެކުލަވާލުމާއި ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ސެކްރެޓަރީ ޖެނެރަލަށް އިންތިހާއަށް ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތީގައި އެތައް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ 135 މިލިއަނުން 276 މިލިއަނަށް އިތުރުވެފައިކަމަށެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރު މި އަދަދު 323 މިލިއަނަށް އަރާނެ ކަމަށް ބެލެވޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި އަހަރުގެ ގޮންޖެހުމަކީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށްވާއިރު، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް އިތުރަށް ހީނަރުކަމެއް އަންނަނަމަ، އަންނަ އަހަރަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ އަހަރަކަށްވެދާނެކަމަށެވެ. އަދި ދިމާވާ ގޮންޖެހުންތަކަކީ ވަރަށް ބޮޑެތި، އަދި ޖިއޮގްރަފިކް ހައްދެއް ނެތް ދަތިތަކެއްކަމަށާއި އެކަންކަން ހައްލުކުރަން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު