ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 241 މިލިއަން ރުފިޔާއަށް ސްކޫލެއް އެޅުމަށް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ބިނާ ކުރާ 5 ވަނަ ސްކޫލެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ހައިޝަމެވެ.



ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރާ ސްކޫލަކީ އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ. ސްކޫލުގެ މަސައްކަތް ނިމޭއިރު މިތަނުގައި 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަޞީލަތްތަކެއް ޤާއިމުވެފައި ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

241 މިލިއަން ރުފިޔާއަށް މި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު