ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ބެލުމަށްޓަކައި ގައުމީ ދިރާސާއެއް ހެދުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި ވިލާ ކޮލެޖު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށްޓަކައި މިއަދު އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ދިރާސާ ވެގެންދާނީ، ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ދިރާސާއަށެވެ. މި ދިރާސާއަކީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ އިތުރަށް ފާއިތުވި 5 އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޓްރެންޑާއި އެކަމާ ގުޅުންހުރި ކަންކަން ދެނެގަނެ އިތުރަށް ދިރާސާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.

ދިރާސާ ކުރުމުގެ މި މަސައްކަތުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ.އަހްމަދު އަންވަރެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ސަލީމެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ދެއްކެވި ވާހަކައިގައި ތޯތޯ ވާހަކަތަކުގެ މައްޗަށް ބުރަވުމުގެ ސަގާފަތް ދޫކޮށްލައި އިލްމީ ހަގީގަތާއި ކުރިމަތިލާން ޖެހޭކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު މި ފެށުނު މަސައްކަތާއެކު ހެދިގެންދާ ދިރާސާގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ "އެވިޑެންސް ބޭސްޑް" މަސައްކަތަކަށް ހެދުމަށް އޭސީސީގެ ހިންގުން ބައްޓަން ކުރާނެކަމުގެ ޔަގީކަން މެންބަރު ޝިޔާމާ ދެއްވިއެވެ.

މިރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަހްމަދު އަންވަރު ވިދާޅުވީ ކޮރަޕްޝަންފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުން ބައިވެރިކޮށް އެމީހުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއްކަމަށާ، މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމުގައި ބައިވެރިވެވުމަކީ ވިލާކޮލެޖުގެ ރިސަރޗްގެ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

މުޖުތާޒު

24-Feb-2023

ޚޮރޮޕްޝަނާ އަހަރެން ދެކޮޅު އަހަރެންނެކޭ އެއްފަދައިން ރާއްޖޭގެ އާބާދީގެ 98% ދެކޮޅު



ޓްރެންޑިން