ރައްޔިތުންގެ މަޖިލީހުގައި ދާއިރާ ތަމްސީލް ކުރަން ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ނެތް ނަމަވެސް ސަރުކާރުން ރަށައް ތަރައްގީ ގެނެސްދޭނެކަން ގދ. ރަތަފަންދޫއަށް ސަރުކާރުން ގެނެސްދޭ ތަރައްގީން ހާމަވެއްޖެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ސަރުކާރުން ތަރައްގީ ކޮށްދެނީ އެ ދާއިރާގެ ރަށްތަކަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ހުންނަވައިގެން ނޫން ކަމަށެެވެ. އެގޮތުން ރަތަފަންދޫއަށް އެކަނި ބަލާލި ނަމަވެސް އެކަން ހާމަވާނެ ކަމަށް ސައުދު ﷲ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕިއެމަށް ނިސްބަތްވާ މެމްބަރަކު ހުންނަވާ އެދާއިރާ އާއި ގުޅޭގޮތުން ސައުދު ﷲ ވިދާޅުވީ މި ސަރުކާރުން ރަތަަފަންދޫ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ގެންދަވާ ކަމަށެވެ. ރައީސް ސާލިޙުގެ ސަރުކާރާއެކު ގދ. ރަތަފަންދޫ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވަން އާ ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ސައުދު ﷲ ވިދާޅުވިއެެވެ.

މިއީ ރަތަފަންދޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ސަރުކާރެެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސައުދު ﷲ ވިދާޅުވީ ރަތަންދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ދިރިއުޅުން އާ ހަރުފަތަކަށް ގެންނަން ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެެވެެ.



"މިއީ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރުވި ސަރުކާރެެއް. މި ސަރުކާރާއެކީގައި ރަށުގެ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވާން އާ ހިތްވަރެއް ލިބިއްޖެ،" ސައުދު ﷲ ވިދާޅުވިއެވެ.

ސައުދު ﷲ ވިދާޅުވީ ރައީސް ސާލިހު ރަތަފަންދޫއަށް ގެންނަވާ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް ވެވަޑައިގަންނަނަވާ ދެ ބޭފުޅުންނަކީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކަމަށެެވެ. އެކަމަށްޓަކައި އެ ދެބޭފުޅުންނަށް ސައުދު ވަނީ ޝުކުރު އަދާކުރަށްވާފައެެވެ.

ސަރުކާރުން ދާދިފަހުންވަނީ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ.

މިމަޝްރޫއުގެ ތެރޭގައި، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުންވެސް ފެނާ ނަރުދަމާ އާއި ތަރައްގީގެ އިތުރު މަޝްރޫއުތައް ވެސް ގދ. ރަތަފަންދޫގައި ސަރުކާރުން ގެންދަނީ ހިންގަމުންނެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން