ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާއިމްކުރި އެއްބަސްވުން ރައީސް ވަހީދުގެ ވެރިކަމުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލައިގެ ހުކުމްގައެވެ.

ސުޕްރިމް ކޯޓުގައި މިމައްސަލަ ކުރިއަށްދިޔައިރު މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. މިއީ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރެއްގެ އަގްލަބިއްޔަތުން އިއްވެވި ހުކުމެކެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު ތަފާތެވެ. އޭނާގެ ރައުޔުގައި ވަނީ ދީބާޖާއަށް ބަދަލެއް ދޭން ނުޖެހޭކަމަށް ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ފެންނަން އޮތީ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ސަރުކާރުން އަންގާފައިވާ އެންގުންތައް ކަމަށާއި، އަދި އެއް ހަފުތާ ތެރޭގައި ހިދުމަތް ނުފަށައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވޭނެ ފަދަ އިބާރާތަކުން ސަރުކާރުން ސިޓީ ފޮނުވާފައިވާއިރު، އެ މުއްދަތުގައި އެކަންކަން ރަނގަޅު ކުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް މަހާޒްގެ ރައުޔުގައިވެއެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން