ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފެށުމަށް މައްސަލަ ޕީޖީއަށް ފޮނުވައިފިއެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖުލައިމަހު ނެރުނު ރިޕޯޓެއްގައި ވަނީ ހާމަވެފައެވެ.

މިމައްސަލަ އޭސީސީން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ. އޭސީސީން ބުނީ މިދިޔަ މަހުގެ 30ގައި އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފެށުމަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ނަގުދު ފައިސާ ބަހާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މިމައްސަލަތަކާއި ގުޅިގެން އެލްޖީއޭއިން މިހާރު ވަނީ ދުވާފަރު ކައުންސިލްގެ އިންކްއަރީއެއް ވެސް ފަށާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން