ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އަންދާޒާކުރި މިންވަރަށްވުރެ ހަލުވިކަމަށް ވޯލްޑް ބެންކު ބުނެފިއެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ އެ ބެންކުން ނެރެފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓްގައެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގައި ކަމަށާއި މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުންއައުން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި މިހާރު އަންދާޒާކޮށްފައިވަނީ ޖީޑީޕީ ކުރިއަރާ މިންވަރު 2023 އިން 2024ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން އައުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނައިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ ހަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިހާބާ ގުޅުންހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށާއި ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށެވެ. އަދި މިއީ، ރާއްޖޭގެ އިގްތިސާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެެއްގެ ގޮތުގައި ވޯލްޑު ބޭންކުން ސިފަކުރެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެކަމަށް ވަނީީ ލަފާކޮށްފައެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑުވާނެ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު