އެއްގަމު އުޅަނދުގެ ނަންބަރު ބޯޑު ގަވާއިދާއި ހިލާފަށް ހުރެގެން 1410 މީހަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު މިމަހުން ފެށިގެން ފިޔަވަޅު އަޅަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މީގެކުރިން ބުނެފައެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދުގެ ނަންބޯޑް ގަވާއިދާ ހިލާފަށް ހުރުމުގެ ސަބަބުން، ސެޕްޓެމްބަރު 20 އިން ފެށިގެން މިމަހުގެ 6 އާ ހަމަޔަށް މާލެ ސަރަހަށްދުން 1410 މީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިދިޔަމަހު ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އެގޮތުން މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުން ދާނެކަމަށް ފުލުހުން ބުނެއެވެ. އަދި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫންކަން ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު