އަހުމަދު މަސްނޫމް   6 އޮކްޓޯބަރު 2022 - 18:26
ކޯވިޑްގެ ދުވަސްވަރު، 2020 ވަނަ އަހަރު އެމްޕީއެލްގެ ތެރޭގައި ހިނގި ތެލުގެ ވިޔަފާރީގައި ހިޔާނާތްތެރިވެފައިވާ މިންވަރު 28 މިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

2020 ވަނަ އަހަރު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައިއިރު ބުނަމުންދިޔައީ ހިޔާނާތްވި ފައިސާގެ އަދަދު އަރަނީ 8 މިލިއަން ރުފިޔާއަށްކަމަށެވެ.

ނަމަވެސް އޮޑިޓަރ ޖެނެރަލް މިއަދު ނެރުއްވި ރިޕޯޓުގައިވާ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތުގައި 28.3 މިލިޔަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ވަނީ ހާމަވެފައެވެ. ރިޕޯޓްގައިވާ ގޮތުން އެމްޕީއެލަށް ބޭނުންވާ ޑީސެލް ގަތުމަށް 2018 ވަނަ އަހަރުން 2020 ވަނަ އަހަރާއި ދެމެދު ކުރި މުއާމަލާތުގައި އެފްއެސްއެމާއި، އެމްޕީއެލް މުވައްޒިފުން ގުޅިގެން ބޮޑެތި ޚިޔާނާތް ވަނީ ހިންގާފައެވެ.

މިގޮތުން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28.3 މިލިޔަން ރުފިޔާގެ ޑީސަލް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާކަމަށް ރިޕޯޓްގައިވެއެވެ. މީގެތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސެލްގެ ތެރެއިން ގެއްލުނު 9.6 މިލިޔަން ރުފިޔާގެ ޑީސަލާއި، ޓަގުބޯޓުތައް އޮޕަރޭޓް ކުރުމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18.5 މިލިޔަން ރުފިޔާގެ ޑީސަލާއި، އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލެވެ.

އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކަށް ބޭނުންވާ ޑީސެލް ހޯދުމަށް 2018 އިން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެޔުނިޓްތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށް އަދި ތާރީޚު ބަދަލު ކުރުމަށްފަހު ތައްޔާރުކޮށްފައިވާ، 13.42 މިލިޔަން ރުފިޔާގެ ތެޔޮ ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތައް ވަނީ އޮޑިޓަށް ފާހަގަވެފައެވެ.

ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރު ބަނދަރުގެ އޮޕަރޭޝަންތައް ހުއްޓުނުނަމަވެސް 2020 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދު 2021 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދަށްވުރެ، 59 އިންސައްތަ އިތުރުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ތެޔޮ ހޯދުމުގެ ތެރޭގައި ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ ބޮޑު މައްސަލާގައި ފިޔަވަޅު އަޅައި، އެ މައްސަލަ ކަމާގުޅުންހުރި އިދާރާތަކުން ތަޙްގީގްކުރަމުންދާކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް މިހާރު ކޮށްފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު