އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމަށް ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާނީ އަވަހާރަވީ ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ސިއްޙީ ހާލުކޮޅު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ. ރާނީ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ.

ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ފަރާތެކެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ސާލިޙު ފޮނުއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ ގައުމަށް ހިދުމަތް ކުރުމުގެ ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ކިންގް ޗާލްސް 3 ވަނީ ހަވާލުވެވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް