އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކާއި (ކ) ރައީސް ނަޝީދު (ވ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކާއި (ކ) ރައީސް ނަޝީދު (ވ)
ބަރުލަމާނީ ނިޒާމުގެ ވާހަކަ ނުދައްކައި އެމްޑީޕީއަށް މާގިނަ ވޯޓު ލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންކަންވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ތާއީދުު ކުރިގޮތް އެންމެ ރަނގަޅަށް އެނގޭނީ އެކަމުގައި ރަށްރަށަށް ދިޔަ މީހުންނަށް ކަމަށެވެ.

އެމްޑީޕީއަށް މީހުންވަނީ ނިޒާމުގެ ވާހަކަ ދައްކައިގެނެއްނޫންކަން ފާހަގަ ކުރަށްވަމުން މޫސާ މަނިކު ވިދާޅުވީ އެވާހަކަ މިވަގުތު ނުދައްކައިފިނަމަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް މާގިނަ ވޯޓު ލިބޭނެ ކަމަށެވެ.

"ހއ އިން، އައްޑޫއަށް ދަތުރުކުރި އަޅުގަނޑުމެނަށް އެކަން ރަނގަޅަށް އެނގޭ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ބަރުލަމާނީ ވާހަކަ ނުދައްކާ ތިބެގެން އެމްޑީޕީ މެމްބަރުންގެ ޖުމްލަ ވޯޓަށްވުރެ މާގިނަ ވޯޓު ހޯދާނެ." މޫސާ މަނިކު ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބަހުސްގެ ފޯރި ގަދަވެފައިވާއިރު ރައީސް ޞާލިޙް ހިމެނިވަޑައިގަންނަވާ ގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވަނީ ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާޢީދު ނުކުރަށްވާކަން ހާމަކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިޚާބުގައި ނެގެން އޮންނަނީ 112،000 ވޯޓު ކަމަށާއި ނިޒާމީ ވޯޓަކަށް ނުދާނަމަ ބައި ލައްކައެއްހާ ވޯޓު މަދުވުމުން މި ސަރުކާރަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ 65،000 ވޯޓު ކަމަށެވެ. އެއީ ވޯޓުލާ މީހުންގެ ޖުމްލަ 27 އިންސައްތައެވެ.

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ. ނަމަވެސް ރައީސް ޞާލިޙް އެދިވަޑައިގެންފައިވަނީ ޤަރާރު އަނބުރާ ނެންގެވުމަށެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން