ވަޅިއެއް ހިފައިގެން ފުލުހުންގެ މަރުކަަޒަކަށް ވަތް މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ތެރެއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވަޅިއެއް ހިފައިގެން ވަނުމުގެ ސަބަބުން ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ ކ. މާލެ، މ. ލަވްނެސްޓު އިބްރާހީމް ނާޝިދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މަގުބޫލު ސަބަބެއްނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މި ދަޢުވާއަށް ނާޝިދު ވަނީ އިޢުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ފުލުހުންގެ މަރުކަޒަށް ވަތްއިރު، ނާޝިދު ގެންގުޅުނު ތިލައިގެ ދިގުމިނުގައި ފަސް އިންޗި ހުރި ވަޅި އަކީ އަމިއްލަ ނަފުސަށް އަނިޔާ ކުރުމަށް ގެންގުޅުނު ވަޅިއެއް ކަމަށް ޝަރީޢަތުގައި ނާޝިދުވަނީ ބުނެފައެވެ. އަދި އޭނާއަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

މައްސަލާގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލް ނިންމަވާފައިވަނީ ކުށަށް އިއުތިރާފުވުމުންނާއި ޝަރީއަތަށް އެއްބާރުލުން ދީފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ކަނޑައެޅޭނެ އަދަބަކީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން