ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ސެމީ ފައިނަލުގައި އީރާން އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯމެޑަލް ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއީ މި މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ޓީޓީ ޓީމަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މި ފެންވަރުގެ ގޭމްސްއެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ރާއްޖޭގެ ޓީޓީ ޓީމަކުން ދިޔަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފައިނަލެއްގައި ވާދަކޮށްފައިވަނީ ރާއްޖޭގެ ހަސަން ސާއިދު އެކަންޏެވެ.

ސެމީ އިން ބަލިވިނަމަވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ހޯދި ތާރީހީ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ ރާއްޖެއަށް ފަޚުރުވެރި ދުވަހެއްކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވަމުން ރައީސްވަނީ ކުރިމަގުގައިވެސް މުބާރާތްތަކުގައި މިފަދަ ހިތްވަރާއި އަޒުމުގައި މަސައްކަތް ކުރުމަށް ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެއިން ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ޖިބޫޓީ ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ތުރުކީ އަތުން ބަލިވެފައެވެ.

މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލުގެ މެޗް އީރާނުން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން