އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އެމްޑީޕީގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއަރމަންގެ މަޤާމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަޤާމުގައި ހުންނެވި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހަމަޖައްސައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީ އެކުލަވާލައި މަސައްކަތްތައް ފަށާފައިވާއިރު ފަހަކަށް އައިސް އެމްޑީޕީން ވާދަކުރި ގިނަ ބައި-އިލެކްޝަންތަކުން އެޕާޓީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެމްޑީޕީން މިހާރު ތައްޔާރުވަމުން ގެންދަނީ އަންނަ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.ދިއްގަރު އަދި ތ.ގާދިއްފުށީގެ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަ ކުރުމަށެވެ.

ބައި-އިލެކްޝަންތަކުގެ ކެމްޕޭން އެމްޑީޕީން ފަށާފައިވާއިރު ވަކި ކޮމިޓީއެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމުން ޕާޓީ އިތުރަށް ހަރަކާތްތެރި ކުރެވޭނެކަމަށް އެމްޑީޕީން ޤަބޫލުކުރެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޒާމްތައް ރާވައި ޙަރަކާތްތެރިކުރުވަމުން ގެންދާއިރު އެމްޑީޕީގެ އެތެރޭގެ ހިންގުމަށް ޢާއްމު މެންބަރުން އެދޭފަދަ ގިނަ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް އެޕާޓީގެ ޗެއަރޕަރސަން ފައްޔާޟު އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ދިއްގަރު ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ޢަބްދުﷲ ޢާރިފްއެވެ. އަދި ގާދިއްފުށި ކައުންސިލްގެ ބައި-އިލެކްޝަންގައި އަންހެނުންގެ ގޮނޑިއަށް ވާދަކުރަނީ ޒުލައިޚާ އަޙުމަދެވެ.

މިމަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހުންވަނީ ދަޢުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބެހުމަށްވެސް ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު