ސާބިތުނުވާ ކަމެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޫޙާ ޚިލާފުކަމެއް ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގެ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިޚު އާދަމް ނިޝާނާއި ޝައިޚު ފަޟްލޫނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާތީ އެ ދެ ޢިލްމުވެރިން މިނިވަންކުރަން ގޮވާލައްވަމުންނެވެ. ޑރ. ޝަހީމް ވިދާޅުވީ އަނިޔާވެރި ޢަމަލެއް ހިންގިކަން ސާބިތުނުވާހާ ހިނދަކު އެއްވެސް މީހަކު ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝާރީޢާއާއި ޤާނޫނުގެ ރޫޙާ ޚިލާފުކަމެއް ކަމަށެވެ.

"ޔޯގާޑޭގެ ޙާދިސާއާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގި ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެ ޙާދިސާގެ އިންޞާފުވެރި ފުރިހަމަ ތަޙުޤީޤެއް ހިންގުން މުހިންމުކަމުގައި ދެކެން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދަމުންދާ ލިވާތު ބާގައިގެ މީހުން ފިނި ކޮޓަރީގައި ބޭތިއްބުމަށްފަހު، ކުށެއް ސާބިތުނުވާ ދީނީ ޢިލްމުވެރިން "ވާނުވާގައި" ޖަލު ބަންދުގައި ބައިތިއްބަންޖެހޭ ޢަދުލުވެރި ހަމައެއް ނެތް ކަމަށެވެ.

ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން، ޝެއިހް ފަޟްލޫނާއި ޝެއިހް އާދަމް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.

މި ދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު